މިދިޔަ މަސް ނިމުނުއިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވްގައި އެއް ބިލިއަން ޑޮލަރު ހުރި ކަމަށް އެމްއެމްއިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުރާސްފަތި ދުވަހު ނެރުނު އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން ސެޕްޓެމްބަރު މަސް ނިމުނުއިރު އެއް ބިލިއަން ޑޮލަރު، އޮގަސްޓް މަސް ނިމުނުއިރު ހުރީ 874.3 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރީ 696.1 މިލިއަން ޑޮލަރު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ގްރޯތް ރޭޓްތަކަށް ބަލާއިރު، ގްރޮސް އިންޓަރނޭޝަނަލް ރިޒާވް މިދިޔަ އޮގަސްޓް މަހާ އަޅާބަލާއިރު 16 ޕަސެންޓް އިތުރުވިއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 46 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

ކޮވިޑާ ހެދި ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރު ކުރީކޮޅު ބަންދުކުރުމުން ޑޮލަރު ލިބުން އިންތިހާއަށް ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20ރ. އަށް ވުރެ މައްޗަށް ދިޔަ އެވެ. ނަމަވެސް މިދިޔަ އަހަރު ޖުލައި މަހު 15ގައި އަލުން ބޯޑަރު ހުޅުވުމާއެކު އެމްއެމްއޭ އާއި ބޭންކުތައް ގުޅިގެން ކުރި މަސައްކަތުން ޑޮލަރުގެ ރޭޓް ކޮންމެ ވެސް ވަރަކަށް ދަށަށް ދިޔަ އެވެ.