ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންއިން ގަނެފައިވާ ބޯޓް މިއަދު ރާއްޖެ ގެނެސްފި އެވެ.

މިއީ ރާއްޖޭގައި ބޯޓް ދަތުރުކުރުމުގެ ދާއިރާ ވަޅުޖެހިފައިވަނިކޮށް އެސްޓީއޯއިން އިސްވެ 2020 ވަނަ އަހަރު އުފެއްދި ޝިޕިން ކުންފުނިން ގަނެގެން ގެނައި ފުރަތަމަ ބޯޓެވެ.

އެ ކުންފުނިން ޗާޓަރުކޮށްގެން ފުރަތަމަ ބޯޓް ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހު އެވެ.

އެސްޓީއޯއިން ބުނިގޮތުގައި ލަންކާއަށް ގެންގޮސް ބޯޓްގެ ބްރޭންޑިން މަސައްކަތްތައް ނިންމުމަށްފަހު، މި ބޯޓު ބޭނުންކުރާނީ ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރުމަށެވެ. އަދި މި ބޯޓުގެ ކުރޫއިންގެ 99 އިންސައްތައަކީ ދިވެހިން ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ވަނީ އޮކްޓޯބަރުމަހުގެ ތެރޭގައި ބޯޓުގެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިއުލާނުކޮށްފައެވެ.

އެމްއެސްއެސްއިން މިފަހަރު ގެނެސްފައިވަނީ 680 ކޮންޓެއިނަރު އުފުލޭ ބޯޓެކެވެ.

އެމްއެސްއެސް އުފެދުނީއްސުރެ ލަންކާއާ މާލެއާ ދެމެދު ކުރަމުންދާ ދަތުރުތައް މެދުކެނޑުމެއްނެތި އެ ކުންފުނިން ކުރަމުންގެންދެ އެވެ.