އެތެރޭގެ ތަހުގީގެއް ކުރިޔަށްދާތީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން ސަސްޕެންޑްކޮށްފި އެވެ.

އިސްލާމިކް ބޭންކިންގެ ހިދުމަތްދޭން ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ބޭންކުން މިރޭ ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސީއީއޯ ސަސްޕެންޑްކުރަން އެ ބޭންކުގެ ބޯޑުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވާ ކަމަށެވެ. އަދި ސީއީއޯގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން މިހާރު ހަވާލުކޮށްފައި ވަނީ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ރިޒާ އެވެ.

ސީއީއޯ ސަސްޕެންޑްކުރި ވާހަކަ ދެކެވެން ފެށުމުން އެ ބޭންކުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ ސީއީއޯ ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށެވެ.

އެމްއައިބީން އެހެން ބުނިއިރު ވެސް އެތެރޭގެ ތަހުގީގުތަކެއް ކުރަމުންދާތީ ބޭންކުގެ ބޯޑުން ވަނީ ސީއީއޯ ސަސްޕެންޑްކުރަން ނިންމައިފަ އެވެ. އަދި ސީއީއޯގެ ބައެއް ޒިންމާތައް ވެސް އޭރު ވަނީ އަތުލައިފަ އެވެ.

އެމްއައިބީން ބުނީ ބޭންކުގެ ބޯޑުގެ ނިންމުމާ ގުޅިގެން ސީއީއޯ ސަސްޕެންޑްކުރީ ހަމަޖެހިފައިވާ އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން އިއްޔެ ކަމަށެވެ. މި ފިޔަވަޅު ބޭންކުން އެޅިއިރު އޭނާ ވަނީ ޗުއްޓީއެއް ނަންގަވައިގެން ރާއްޖެއިން ފުރާވަޑައިގެންފަ އެވެ.

ބޭންކުގެ ސީއީއޯ މަގާމު އަދާކުރައްވާ ބަންގްލަދޭޝްގެ އަބްދުލް އެހްތެޝާމްއާ މެދު ފިޔަވަޅު މި ފިޔަވަޅު އެޅީ އޭނާއާ މެދު އަޅައިދިނުމަށް އެދި އެ ބޭންކުގެ ސީނިއާ މުވައްޒަފުންތަކެއް ބޯޑަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ދިވެހި ސަރުކާރާއި އައިސީޑީ ގުޅިގެން 2011 ވަނަ އަހަރު އުފެއްދި އެމްއައިބީ އަކީ 2019 ވަނަ އަހަރުން ފެށިގެން ޕަބްލިކް ކުންފުންޏެކެވެ. އެ ބޭންކުން ވަނީ ކުންފުނީގެ 31 ޕަސެންޓު ހިއްސާ އާއްމުންނަށް ވިއްކައިފަ އެވެ.