ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ތޮއްޑޫގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ އަތޮޅު ތެރޭގައި ކުރާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ތޮއްޑޫގައި ގާއިމުކުރި ސެލްފް ސާވިސް ސެންޓަރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އެ ބޭންކުން ބުނިގޮތުގައި ތޮއްޑޫގެ އިތުރުން ބޭންކުން އަންނަނީ އެ އަތޮޅު ރަސްދޫގައި އޭޓީއެމް އަދި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ތޮއްޑޫގައި ގާއިމުކުރި ސެލްފް ސާވިސް ބޭންކިން ސެންޓަރު. ފޮޓޯ: ބީއެމްއެލް

ދާދި ފަހުން ބީއެމްއެލް އިން ވަނީ ނ. ކެނދިކުޅުދޫ އަދި ތ. ތިމަރަފުށީގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފަ އެވެ. ބޭންކުން މިހާރު ރަށްރަށުގައި ބަހައްޓަމުންދަނީ ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް އެކުލެވޭ ގޮތަށް އެންމެ ފަހުގެ ސެކިއުރިޓީ ހިމެނޭ، ރައްކާތެރިކަމާއެކު ބޭންކިން ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމްތަކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފްސާވިސް ބޭންކިން ސެންޓަރު، 125 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.