އަންނަ އަހަރު ރިސޯޓު ތަރައްގީކުރަން 12 ރަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އަހުމަދު ސަރުވާޝް އާދަމް ވަނީ ދައުލަތުގެ ބަޖެޓަށް ފައިނޭންސް ހޯދުމަށް ރިސޯޓުތައް ކުއްޔަށް ދޫކުރާއިރު، އެކުއިޒިޝަންގެ ދަށުން ދިގު މުއްދަތަކަށް ރަށްތައް ކުއްޔަށް ދޫކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އަންނަ އަހަރު 12 ރަށެއް ރިސޯޓު ތަހައްގީކުރުމަށް ދޫކުރަން ނިންމާފައިވާއިރު، މިއަހަރު ވަނީ 19 ރަށެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފަ އެވެ.

ދައުލަތުގެ ފަރާތުން ކުއްޔަށް ދޫކުރުމަށް އިއުލާނުކުރި މި ރިސޯޓުތަކުގެ ތެރެއިން މިހާތަނަށް ކުއްޔަށް ދޫކުރެވުނީ އެންމެ ރިސޯޓެއް ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. އެރަށް ބައްލަވައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ.

މިގޮތުން އަންނަ އަހަރު މިބޭނުމަށް ހުޅުވާލާ 12 ރަށުން އިކުއިޒިޝަން ކޯޓުގެ ގޮތުގައި 700،000 އެމެރިކާ ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް ލަފާކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެ އެވެ.