ސަރުކާރު ހިއްސާވާ 11 ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އުވާލުމަށް ހަމަޖެހިފައިވަނީ ސަރުކާރުން 100 އިންސައްތަ ހިއްސާވާ 10 ކުންފުންޏަކާއި، 30 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.

މި ކުންފުނިތައް އުވާލުމުގެ މަސައްކަތް ފަށާފާއިވާއިރު، މީގެ ކުރިންވެސް ސަރުކާރުގެ ހިއްސާ ހިމެނޭ 19 ކުންފުންޏެއް ވަނީ އުވާލާފަ އެވެ. މި ކުންފުނިތައް އުވާލުމާއި ގުޅޭގޮތުން ގޮތެއް ކަނޑައަޅަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިންނެވެ. އަދި އެބޯޑުން އެކުންފުނިތައް އުވާލަނީ މާލީ ޕާފޯމެންސް ރިވިއުކުރާއިރު ޕާފޯމެންސް ދަށްވާނަމަ އެވެ.

އުވާލަން ހަމަޖެހިފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ:

  1. ނެޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް
  2. ހަޒާނާ މޯލްޑިވްސް
  3. މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން
  4. ވިލިނގިލި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
  5. ފެލިވަރު ފިޝަރީޒް މޯލްޑިވްސް
  6. ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
  7. ކުޅުދުއްފުށި ޕޯޓް ލިމިޓެޑް
  8. ގަން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
  9. ހިތަދޫ ޕޯޓް ލިމިޓެޑް
  10. ވޯކްސް ކޯޕަރޭޝަން ލިމިޓެޑް
  11. މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)

މި ކުންފުނިތައް އުވާލުމަށް ހަމަޖެހިފައިވާއިރު، މި ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް ސަރުކާރުން ހިއްސާވާ އެހެން ކުންފުނިތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ސަރުކާރުގެ ބަޖެޓް ފޮތުގައި ބުނެފައިވާ ގޮތުގަައި 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާއި ދެވަނަ ކުއާޓާގައި ވެސް ސަރުކާރު ހިއްސާވާ 13 ކުންފުންޏަކުން ގެއްލުންވެފައިވާ ކަން ވަނީ ރެކޯޑުކުރެވިފަ އެވެ.