ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން މީޑިއާނެޓްގެ ހިދުމަތްތައް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މީޑިއާނެޓްގެ ހިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބިގެންދާނެ އެވެ.

އެޗްޑީސީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗައެއްގެ މައިގަނޑު ވިއުގަ އެވެ. މި ނެޓްވޯކްގެ ޒަރީއާއިން އިންޓަނެޓާއި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ވިއުގަ އަކުން ހިދުމަތް ދެވޭނެ އެވެ. މިގޮތުން، ހިދުމަތް ދިނުމަށް ހޭދަވާ ހަރަދު ކުޑަވެ، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ އަގު ކުޑަވުމުގެ މަގު ވެސް ފަހިވެގެން ދާނެ އެވެ.

މީގެ އިތުރުން، ހިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އަވަސްކަމާއެކު ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ ވެސް މެ އެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް އެއްވެސް ދަތިކަމެއް ނެތި އަވަސްކަމާއެކު ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ހަމަ މިއާއެކު މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގު ކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރެ އެވެ.