ސިންގަޕޫރަށް ފާހަގަކޮށްލެވުނު ކުރިއެރުމެއް ގެނެސްދިން ފަދަ ބަނދަރެއް ރާއްޖެއަށް ވެސް ބޭނުންވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން އިކްރާމް ވަނީ ރާއްޖެއަށް ވެސް މެރިޓައިމް އިންޑަސްޓްރީއެއް ގާއިމްކުރުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަން ފިޔަވައި އިތުރު އިގްތިސޯދީ މަސައްކަތެއް ރާއްޖޭގައި ފުޅާކުރުމަކީ މިހާރު މިގައުމަށް މުހިންމުވެފައިވާ ކަމެއް ކަމަށް މެމްބަރު އިކްރާމް ވިދާޅުވި އެވެ.

ސިންގަޕޯރަކީ ވަރަށް ކުޑަ ގައުމެއް. މާ ބޮޑު، ނެޗުރަލް ރިސޯސްތަކެއް އޮތް ގައުމެއް ނޫން. އެހެންނަމަވެސް އެ ގައުމު އެންމެ ތަރައްގީވެ، ކުރިއަރާފައި އެއްގައުމަށް ވެގެންއައީ ބަނދަރެއް ހަދައިގެން. އެތަން ބޭނުންކުރީ ސިންގަޕޯރު ކާރިން ދަތުރުކުރާ ނުވަތަ އިރުން ހުޅަނގަށް ދަތުރުކުރާ ބޯޓުފަހަރުތަކަށް ހިދުމަތް ދިނުމުގައި،" އޭނާ ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅު ހުރަސްކޮށް އެހެން ގައުމުތަކުގެ ގިނަ ބޯޓު ފަހަރު ދަތުރު ކުރާކަން ފާހަގަކުރައްވައި އިކްރާމް ވަނީ އެފަދައިން ދަތުރުކުރާ ބޯޓުތައް މަޑުކޮށް އެއަށް ބޭނުންވާ ހިދުމަތްތައް ލިބެން ހުރުމަކީ އެކަމުގެ ސަބަބުން އާމްދަނީގެ ގޮތުންނާއި އެހެނިގެން ގޮތްގޮތުން ރާއްޖެއަށް ފައިދާކުރާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު އިކްރާމް މިފަދައިން ވާހަކަ ދައްކަވާފައި ވަނީ އިހަވަންދިއްޕޮޅުގައި ބޮޑެތި އާގު ބޯޓުފަހަރަށް ހިދުމަތްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރާއި ގުޅިގެން ހިޔާލުފާޅު ކުރައްވަމުންނެވެ.

މިގޮތުން މިފަދަ ގަރާރަކާއި މެދުގައި މަޝްވަރާކުރެވޭއިރު، ސިންގަޕޫރަށް ވިސްނާލަން ޖެހޭކަމަށާއި، ގުދުރަތީ ވަސީލަތްތަކެއް ނެތި، ކުޑަ ގައުމަކަށްވެ ހުރެ ވެސް އެ ގައުމު ވަނީ އޭޝިއާގެ ކެޕިޓަލްގެ ގޮތުގައި މިހާރު ބަލައިގެންފައި ކަމަށް އިކްރާމް ވިދާޅުވި އެވެ.