ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވާ މިއަދު ތައާރަފު ކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ ޑޭޓާ ރޯލް އޯވާ ތައާރަފުކުރުމާއެކު، އޮކްޓޫބަރު މަސް ނިމުނުއިރު ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ޕެކެޖުގައި ބޭނުންނުކޮށް ހުރި ހުރިހާ އެލަވަންސެއް މި މަހުގެ އެލަވަންސްގެ ތެރޭގައި ހިމަނާފައިވާނެ ކަމަށެވެ.

"އެހެންކަމުން ކުރިޔަށް އޮތްތަނުގައި ވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާއެކު ހިމެނިގެންދާނެ. މި ރޯލް އޯވާ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށް. މިއީ ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް،" ދިރާގުން ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލތަޖުރިބާ ވީހާ ވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޚިދުމަތްތައް ތައާރަފުކުރުމަށް ކަމަށެވެ.