ހަތަރުވަނަ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) 2021 ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެ، ރާއްޖެ އިޝްތިހާރުކޮށްފި އެވެ.

ވާޗުއަލްކޮށް އައިއެމްޓީއެމް އެއާ ޕްލެޓްފޯމްގައި އެ އޭޖެންސީން ބޭއްވި މި ފެއާ ބޭއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން 28ގެ ނިޔަލަށެވެ. އަދި މި ފެއާގައި ތަފާތު އެކި ގައުމުތަކުން ބައިވެރިވެފައިވާ ކަމަށް އައިއެމްޓީއެމްއިން ބުނެ އެވެ.

މި ފެއާ އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަަރަކާތްތެރިވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ބޭއްވި ފެއާއެކެވެ. އަދި މިކަމުގެ ސަބަބުން މި ފެއާ ވަނީ މި ދާއިރާގައި ބޭރުގެ ފަރާތްތަކާއި ރާއްޖެއާ އެއް ޕްލެޓްފޯމަކުން ބައްދަލުކޮށް ނެޓްވޯކް ގާއިމުކުރުމަށް މަގުފަހިވި ފުރުސަތަކަށެވެ.

މިކަމާ ބެހޭ ގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވަނީ މިފަދަ ފެއާތައް ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން ބޭއްވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އަދި މިއީ ރާއްޖެ އިތުރަށް އިޝްރިހާރު ކުރުމަށް ލިބޭ ރަގަޅު ފުރުސަތެއް ކަމަށް ތައްޔިބު ވަނީ ވިދާޅުވެފަ އެވެ.

އައިއެމްޓީއެމް އިން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ވިޔަފާރި ޕްރޮމޯޓުކުރަން މަގުފަހިކޮށްދޭއިރު، މިފަދަ ފެއާތައް ބޭއްވުމަށް އެއްބާރުލުން ދޭ ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފަ އެވެ.