ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ގޭސް ފޯރުކޮށްދޭ ސިސްޓަމެއް ގާއިމުކުރުމަށް މޯލްޑިވް ގޭސް އާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އެޗްޑީސީން ބުނީ މިއީ މިގޮތަށް ސޯޝަލް ހައުސިން މަޝްރޫއެއްގައި ރާއްޖޭގައި ކުރާ ފުރަތަމަ މަސައްކަތް ކަމަށެވެ.

"ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމާފައިވަނީ، ހިޔާ ފުލެޓްތަކަކީ ނިސްބަތުން އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި އާއްމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށް. އަދި ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ އެއްމެ ރައްކާތެރި ގޮތް ކަމުގައި ނުވާތީ،" އެ ކުންފުނިން ބުންޏެވެ.

ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދޭ ސިސްޓަމެއް ގާއިމުކުރަން އެޗްޑީސީން މޯލްޑިވްސް ގޭހާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އެޗްޑީސީން ބުނީ އެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ގާއިމުކޮށްގެން ކަމަށެވެ. އަދި އެ މަސައްކަތް ކުރެވޭނީ އެމްއެންޑީއެފްގެ ގަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިންކަން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ނިންމުމަށް ހަމަޖެހިފާވާއިރު، މި ޚިދުމަތް ދިނުމަށް މޯލްޑިވް ގޭސް ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.