މިދިޔަމަހު ރާއްޖެއަށް 142،066 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ މިދިޔަ ސެޕްޓެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި 114،896 ޓޫރިސްޓުންނާ އަޅާ ބަލާއިރު 23.6 ޕަސެންޓް އިތުރު ޢަދަދެކެވެ.

ތަފާސްހިސާބުތަށް ދައްކާގޮތުން މިދިޔަ އޮކްޓޯބަރުމަހު ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އަދަދަކީ ކޮވިޑުގެ ކުރިން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ފަތުރުވެރިން އައި ޢަދަދާ އަޅާ ބަލާއިރު، 0.1 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޓޫރިސްޓުންނާ އަޅާ ބަލާއިރު، 560 ޕަސެންޓް އިތުރު އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ މިލިއަނަކަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. ތަފާސްހިސާބުތަށް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،012،928 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4،583 ފަތުރުވެރިން އާދެ އެވެ. އެހެންކަމުން އަހަރުގެ ބާކީއޮތް ދުވަސްތަކުގައި ރާއްޖެއަށް 200،000 އަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއައި ޓޫރިސްޓުންގެ 22.7 ޕަސެންޓަކީ އިންޑިއާގެ ޓޫރިސްޓުންނެވެ. ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެއީ 18.6 ޕަސެންޓެވެ.