އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

ރައީސް ސޯލިހު ވަނީ ވޯލްޑް ޓްރެވަލް މާކެޓްގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި 58 އަށް ވުރެ ގިނަ ފަތުރުވެރިކަމުގެ ވިޔަފާރި ތަމްސީލުކުރާ ފަރާތްތަކާ ބައްދަލުކުރައްވައި ކޮވިޑްގެ މި ދަތި އުނދަގުލުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ ކަމަށްޓަކައި ހިތްވަރުދެއްވާފަ އެވެ.

ވޯލްޑް ޓްރެވަލް މާކެޓަކީ ދުނިޔޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިޔަށްގެންދާ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ހަރަކާތެވެ. މިއަހަރު އެ ހަރަކާތް ކުރިޔަށްގެންދަނީ ހައިބްރިޑް ހަރަކާތެއް ގޮތަށެވެ. މިގޮތުން މި ހަރަކާތުގެ އަމަލީ ބައި ކުރިޔަށްގެންދަނީ މިއަދުގެ ނިޔަލަށް އެކްސެލް ލަންޑަންގަ އެވެ. އަދި މި ހަރަކާތުގެ ވާޗުއަލް ބައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުން ނުވަ ވަނަ ދުވަހަށެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު މުޅި ވޯލްޑް ޓްރެވަލް މާކެޓް ވެސް ބާއްވާފައިވަނީ ވަޗުއަލްކޮށެވެ.

މިއަހަރު ވޯލްޑް ޓްރެވަލް މާކެޓް ބްރޭންޑްކޮށްފައިވަނީ އާ ހިޔާލުތަކާއި، އާ ޓެކްނޮލޮޖީ އަދި ކުދި ބޮޑު ހުރިހާ ކަމަކަށް ހައްލު ހޯދުމުގެ ތެރެއިން އަންނަން އޮތް ފަތުރުވެރިކަމުގެ ޖީލުތައް ކުރިއަރާނެ ގޮތަކަށެވެ.