މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 191.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަށް ވުރެ ދެ ޕަސެންޓް ދަށް އަދަދެކެވެ.

ދިރާގުން އާންމުކުރި މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި 610 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެގޮތުން މޯބައިލް ފޯނުގެ ހިދުމަތްތަކުން ތިން ވަނަ ކުއާޓަރުގައި ދިރާގަށް 325.6 މިލިއަނަށް ރުފިޔާ އާމްދަނީ އެއް ލިބިފައިވާއިރު ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން 268 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އަދި އެހެނިހެން ހިދުމަތްތަކުން 16.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ތިން ވަނަ ކުއާޓަރުގައި އާމްދަނީއަށް ލިބުނު 610 މިލިއަން ރުފިޔާއަކީ، މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު އެއް ޕަސެންޓް ދަށް އަދަދެކެވެ. އޭގެ ސަބަބުތަކުގެ ގޮތުގައި ދިރާގުން ބުނީ އިންޓަނެޓުގެ ހިދުމަތްތައް އަގުހެޔޮކުރުމާއި ޓޫރިޒަމްގެ ލޯ ސީޒަނަށް ވުމުން ރޯމިން ހިދުމަތް ބޭނުންކުރާ މިންވަރު މަދުވުމެވެ.

ދިރާގުން ބުނީ، ތިން ވަނަ ކުއާޓަރުގައި ކަސްޓަމަރުންނަށް ހާއްސަކޮށް ގިނަ އަދަދެއްގެ ޕްރޮމޯޝަންތައް ހިންގި ކަމަށެވެ. އޭގެ އިތުރުން ސީއެސްއާރުގެ ދަށުން ގިނަ ހަރަކާތްތައް ހިންގާފައިވާއިރު މޮބައިލް އަދި އިންޓަނެޓު ހިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ އާ ހިދުމަތްތަކާއި ޕްރޮމޯޝަންތައް ފަށާފައިވާ ކަމަށެވެ. އަދި ވިޔަފާރިތަކަށް ހާއްސަ ކްލައުޑް ވީޕީއެން އަދި ޔޫޓީއެމް ހިދުމަތް ތައާރަފު ކޮށްފައިވާ ކަމަށް ވެސް ދިރާގުން ބުނެ އެވެ.