މިދިޔަ އޮކްޓޯބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖު ދިން ރިސޯޓުތަކުގެ ލިސްޓުގެ އެންމެ ކުރިއަށް ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އަރައިފި އެވެ.

"ރިސޯޓު ވޯކާސް މޯލްޑިވްސް" ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ 2019 ވަނަ އަހަރު ހުޅުވި ވާލްޑޮޕް އެސްޓޯރިއާ މޯލްޑިވްސް އެވެ. އެގޮތުން އެ ރިސޯޓުން ސާވިސް ޗާޖެއްގެ ގޮތުގައި 1،062 ޑޮލަރު (16،376.04 ރުފިޔާ) ކޮންމެ މުވައްޒަފަކަށް ވަނީ ދީފަ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ އަޔާޑާ މޯލްޑިވްސް އެވެ. އެރިސޯޓްގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1049.27 ޑޮލަރު (16،179.74 ރުފިޔާ) ދީފައިވެ އެވެ. 1،000 ޑޮލަރުން މަތިން ސާވިސް ޗާޖު ބަހާފައި ވަނީ އެ ދެ ރިސޯޓުން އެކަންޏެވެ.

ސާވިސް ޗާޖު ލިސްޓުގައި އާންމުކޮށް އެންމެ ކުރި ހޯދަމުން އަންނަ ވެލާ އަދި ޝެވަލް ބްލަންކް ރިސޯޓް މިފަހަރުގެ ލިސްޓުން ފެންނާކަށް ނެތެވެ. އެ ލިސްޓުގައި ހިމަނަނީ "ރިސޯޓު ވޯކާސް މޯލްޑިވްސް" ޕޭޖަށް މައުލޫމާތު ފޮނުވުމުންނެވެ.

500 ޑޮލަރުން މަތިން ސާވިސް ޗާޖުގެ ގޮތުގައި ދިން ރިސޯޓްތަކުގެ ތެރޭގައި ހިމެނެނީ:

  • ތާޖު އެގްޒޯޓިކާ 834 ޑޮލަރު
  • ހުރަވަޅި އެންޑް ކުޑަދޫ 817.91 ޑޮލަރު
  • ވައްކަރު މޯލްޑިވްސް 769 ޑޮލަރު
  • އެމެރަލްޑް މޯލްޑިވްސް 729.47 ޑޮލަރު
  • ގިރި ލަންކަންފުށި މޯލްޑިވްސް 714.57 ޑޮލަރު
  • ވަން އެންޑް އޮންލީ ރީތި ރަށް 689 ޑޮލަރު
  • އޯޒޯން ލައިފް މާދޫ ރިސޯޓް 683 ޑޮލަރު
  • އެލްޓީއައި މާފުށިވަރު 672.63 ޑޮލަރު
  • ފިނޮޅު 671.56 ޑޮލަރު

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.