އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އެމެރިކާގެ މީޑިއާ ޓީމެއް ރާއްޖޭއަށް އަތުވެއްޖެ އެވެ.

އެމްއެމްޕީއާރްސީން ބުނީ އެކުންފުނީގެ ދައުވަތަކަށް ރާއްޖޭގައި ހަރަކާތްތެރިވާ އެމެރިކާގެ ފްރީލާންސް ނޫސްވެރިން ލިޔާ ކޮންޓެންޓާއި ފޮޓޯ އަދި ވީޑިއޯ ގާތްގަނޑަކަށް މިލިއަނަކަށް ވުރެ ގިނަ މީހުންނާ ހިސާބަށް ފޯރާނެ ކަމަށެވެ. އެގޮތުން، ޔޫއެސްއޭ ޓުޑޭއި ޓްރެވެލް ޕްލަސް ލެއިޝާރ، ކޯންޑެ ނާސްޓް ޓްރެވެލަރ، ލޯންލީ ޕްލެނެޓް، ބްލޫ މެގަޒިން އަދި މެޓަޑޯރ ނެޓްވޯކް ފަދަ ވަސީލަތްތަކަށް މިކޮންޓެންޓް ފޯރުކޮށްދޭނެ ކަމަށްވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.

ނޫސްވެރިން ކުރާ މިދަތުރުގައި އެމެރިކާގެ ފަތުރުވެރިންނަށް ބޭނުންވާ ތިމާވެއްޓާއި އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ހާއްސަ އަހަމިއްޔަތެއް ދީގެން ނޫސްވެރިންނަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. މީގެ އިތުރަށް ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

އެމެރިކާގެ ހަ ނޫސްވެރިއަކު ބައިވެރިވާ މި ތަޖުރިބާ ދަތުރުގައި ކޮންމެ ނޫސްވެރިއެއް ވެސް އެއް އާޓިކަލްއަށް ވުރެ ގިނަ އާޓިކަލް އެކި ވަސީލަތްތައް މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިމަހުގެ 10ގެ ނިއަލަށް މީޑިއާގެ މިޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ ކޮކޯ ބޮޑު ހިތި، ޔޮޓް މޯލްޑިވްސް އަދި ރީތި ބީޗް ރިސޯޓުގަ އެވެ.