ސަރުކާރުން މިއަދު ކަނޑައަޅި މިނިމަމް ވޭޖާއެކު ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ މިނިމަމްވޭޖްގެ ސަބަބުން ބައެއް ވިޔަފާރިތައް ބަނގުރޫޓު ވެދާނެ ކަމަށެވެ. މީގެ އިތުރުން ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖުގެ ނޭދެވޭ އަސަރު ކުރު ރާސްތާގައި ވިޔަފާރިތަކަށް ވެސް ވަޒީފާތަކަށް ވެސް ކުރާނެ ކަމަށާއި، ދިގު ރާސްތާއެއްގައި މިނިމަމް ވޭޖުގެ ސަބަބުން ވިޔަފާރިތަކަށް ނަފާވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ބައެއް ވިޔަފާރިތައް ރީސްޓްރަކްޗާކުރަން ޖެހިދާނެ ކަމަށާއި ބައެއް ވިޔަފާރިތަކުގެ ސައިޒު ކުޑަކުރަން ޖެހިދާނެ ކަމަށެވެ. އަދި ރަނގަޅު އުޖޫރައެއް ލިބޭތީ، ވަޒީފާ އަދާކުރާ މީހުންގެ އެފިޝިއަންސީ ރަނގަޅުވެ، ވަޒީފާގައި ކުރާ މަސައްކަތް ހަރުދަނާވާނެ ކަމަށާއި ވިޔަފާރިތައް ވެސް އެއާ އެކު އެފިޝިއަންޓް ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ވަޒީފާ އަދާކުރާނެ ދިވެހިން ނުލިބޭ ވާހަކަ އާއި ވަޒީފާތަކުގައި ދިވެހިން ދެމިނުތިބޭކަމުގެ ޝަކުވާތަކަށް ވެސް އޭގެ ސަބަބުން ނިމުން އަންނާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ އިއުލާނު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ހަފްލާ މަސައްކަތްތެރިންގެ ޔޫނިއަނުން ވަނީ ބޮއިކޮޓު ކޮށްފަ އެވެ. އެ ޔޫނިއަނުންބުނީ މިނިމަމް ވޭޖް ކަނޑައަޅަނީ ވޭޖް ބޯޑުން ކަނޑައަޅާފައިވާ ގޮަތަށް ނޫން ކަމަށާއި އެކަން ބަލައި ނުގަންނަ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ ކުދި ވިޔަފާރިތަށް، 4،500 ރުފިޔާ، މެދުފަންތީގެ ވިޔަފާރިތަކަށް 7،000 ރުފިޔާ، ބޮޑެތި ވިޔަފާރިތަޔަށް 8،000 ރުފިޔާ އަދި ބަޕްލިކް ސެކްޓަރ އަށް 7،000 ރުފިޔާ އެވެ.