މިނިމަމް ވޭޖް ތަންފީޒުވުމުން އެންމެ ހެޔޮ ބަދަލެއް ފެންނާނީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖެއް މިއަދު ކަނޑައެޅުމާ ގުޅިގެން ހަމްދާން ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވެފައި ވަނީ މިނިމަމް ވޭޖާއެކު ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެސް ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ.

މި ސަރުކާރުން މިނިމަމް ވޭޖްގެ ގޮތުގައި ދޭން ވައުދުވި މަހަކު 10،000ރ. ނުދީ، ޓޫރިޒަމް އިންޑަސްޓްރީ ހިމެނޭ ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ މަހަކަށް 8،000 ރުފިޔާ އެވެ. އެއާއެކު ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

"ސަރަޙައްދީ އަދި ކުދި ޖަޒީރާ ގައުމުތަކުގެ ވޭޖްތަކާ އަޅާކިޔާއިރު ރާއްޖޭގައި ކަނޑައަޅާފައިވަނީ ނިސްބަތުން ތަނަވަސް ވޭޖެއް. ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ދެ އަހަރަކުން މިނިމަމް ވޭޖް މުރާޖަޢާކުރަންޖެހޭއިރު، އިގްތިސާދަށް އަންނަ ހެޔޮ ބަދަލާއެކު މިނިމަމް ވޭޖަށް ބަދަލު ގެނެވޭނެ،" ހަމްދާން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރެވިފައި ވަނީ މަސައްކަތްތެރީންނާއި ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެންބަރުންގެ އެތަކެއް މަޝްވަރާއާ ހުށަހެޅުންތަކެއްގެ މައްޗަށް ބިނާކޮށް، ހުރިހާ ފަރާތެއްގެ ވެސް ކަންބޮޑުވުންތަކަށް ރިއާޔަތްކުރެވިގެން ކަމަށެވެ. އަދި މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ ނީޑްސް ބޭސްޑް އެސެސްމަންޓަކާއި އިގްތިސާދީ ކެޕޭސިޓީއާ ގުޅުންހުރި އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.

"މިނިމަމް ވޭޖް އެކަށައަޅާފައިވާނީ ދައުލަތުގެ މުޢައްސަސާތައް (SOE ހިމެނޭ ގޮތަށް) އަމިއްލަ ވިޔަފާރިތަކަށް ވެސް ސިޔާސަތު ތަންފީޒުވެގެންދާނެ ގޮތަށް. މިނިމަމް ވޭޖުގެ ގޮތުގައި މަޤާމުގެ އަސާސީ މުސާރަ އަދި ފިކްސްޑް އެލަވަންސް (މަގާމަށް ކަނޑައަޅާފައިވާ އަސާސީ މުސާރައާއެކު މަހުންމަހަށް އެއްވެސް އުނި އިތުރެއް ނާންނަ ގޮތަށް ދެވޭ އެލަވަންސް) ހިމެނޭނެ. ނަމަވެސް އެއްވެސް ބާވަތެއްގެ އިން-ކައިންޑް ބެނެފިޓެއް ނުހިމެނޭނެ،" އޭނާ ވިދާޅުވި އެވެ.

ހަމްދާން ވިދާޅުވީ ވަޒީފާދޭ ފަރާތުން އެއްވެސް ސިފައެއްގައި ކެއުމާއި ހުރުން ހަޖަމައްސައިދީފައިވާ ހާލަތެއްގައި، އެއިން ކަމަކަށް ހޭދަވާނެ މިންވަރު ފައިސާގެ ގޮތުން ހިސާބުކޮށް މިނިމަމް ވޭޖުގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އެހެންކަމުން ރިޒޯޓްތަކުގެ މުވައްޒަފުންގެ ހުރުމާ ކެއުން މިނިމަމް ވޭޖްގެ ތެރޭގައި ނުހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"މިނިމަމް ވޭޖް ދެވޭނީ ގަޑިއިރަކަށް ކަނޑައެޅޭ ޢަދަދުތަކެއްގެ މައްޗަށް (އަވަލީ މިނިމަމް ވޭޖް) ގެ ގޮތުގައްި. މިނިމަމް ވޭޖު ގަޑިއިރަކަށް ޖެހޭ ޢަދަދުގެ ގޮތުގައި ކަނޑައެޅިނަމަވެސް، ޕަބްލިކް ސެކްޓާއަށް ޚާއްސަކޮށް، މަހަކަށް އެންމެ ދަށްވެގެން ލިބެންޖެހޭ އަދަދެއް ކަނޑައަޅާފައިވާނެ،" ހަމްދާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިމަމް ވޭޖަކީ ގަޑިއިރަކަށް ޖެހޭ އަދަދެއްގެ ގޮތުގައި ހިސާބުކުރުމުން، ދާއިމީ ނުވަތަ ފުލްޓައިމް ވަޒީފާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން، ޕާޓް ޓައިމް އަދި ސާވިސް ކޮންޓްރެކްޓްތަކުގެ ދަށުން ނަގާފައިވާ މުވައްޒަފުން ވެސް މިނިމަމް ވޭޖު ތެރޭގައި ހިމެނުމަށް ފަސޭހަވާނެ ކަމަށެވެ.

"ކުދި ވިޔަފާރިތަކުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މިނިމަމް ވޭޖުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެހެން ގައުމުތަކުން ވެސް އަމަލުކުރާ އުސޫލުން ގަޑިއަކަށްޖެހޭ މިންވަރު ކަނޑައެޅިފައި އޮތުމުން، މިނިމަމް ވޭޖަށް އަމަލުކުރުމުގައި ވިޔަފާރިތަކަށް ފަސޭހަވެގެންދާނެ. ޕްރައިވެޓް ސެކްޓާއަށް މިނިމަމް ވޭޖް ތަންފީޒުކުރެވޭނީ ވިޔަފާރިތަކުގެ ކުޑަބޮޑުމިނަށް (ބިޒްނަސް ކްލެސިފިކޭޝަނަށް) ބަލައި ތަފާތުކުރެވިގެން. މިގޮތުން އެންމެ ކުދި ނުވަތަ "މައިކްރޯ" ވިޔަފާރިތަކުގެ މާލީ ހާލަތަށް ރިއާޔަތްކޮށް މި ވަގުތަށް އެ ވިޔަފާރިތައް އިސްތިސްނާކުރެވިފައި ވާނެ،" ހަމްދާން ވިދާޅުވި އެވެ.