ބަޓަންތަކުގައި އަތްލާން ނުޖެހޭ "ކޯނޭ"ގެ ލިފްޓް އެސްޓީއޯއިން ތައާރަފްކޮށްފި އެވެ.

އެސްޓީއޯ އިން އެތެރެކުރަނީ ޒަމާނީ ހޯދުންތަކަށް ބިނާކޮށް އެކި ހައްލުތައް އެލެވޭޓާ މާކެޓަށް ތައާރަފްކުރަމުން އަންނަ ދުނިޔޭގައި އެންމެ ނަން ހިނގާ "ކޯނޭ" ބްރޭންޑްގެ ލިޕްޓެވެ. މިގޮތުން "ކޯނޭ"އިން އެންމެ ފަހުން ތައާރަފްކޮށްފައިވާ މޮޑެލްގެ ސީއޯޕީ (ލިފްޓް ޕުޝް ބަޓަންސް)އަކީ ލިފްޓުގެ އެއްވެސް ބަޓަންއެއްްގައި އަތްނުލައި، ހަމައެކަނި އަތްތިލަ ކައިރި ކޮށްލުމުން ބޭނުންވާ ފްލޯއަކަށް ދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މޮޑެލްއެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރާ މިމޮޑެލްގެ ލިފްޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯން މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި މިއީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް އާ އިންގިލާބުތައް ގެނަސް، އިންޑަސްޓްރީގައި ޒަމާނީ ކުލަ ޖައްސަމުންދާ އެސްޓީއޯއިން ތައާރަފުކުރާ އެންމެ އީޖާދީ އެއް އުފެއްދުން ކަމަށް އެކުންފުނިން ބުންޏެވެ.

"ދުނިޔޭގެ މިހާރު ހާލަތަށް ބަލާލާއިރު މިއީ ވަރަށް މުހިއްމު އީޖާދެއް. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައި ވަނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑު ބަލިމަޑުކަމުގައި، ކޮވިޑް ޖެހިފައި ހުރިމީހަކު އަތްލާ ތަންތަނުގައި އެހެންމީހަކު އަތްލުމުން ވެސް މިބަލި އެރުމުގެ ފުރުސަތު ބޮޑު ބައްޔަކަށްވުން. މި ނަޒަރިއްޔާއަށް ބަލާއިރު، ލިފްޓް ބަޓަންތަކަކީ ވަރަށް ގިނަ މީހުން އަތްލާ އެއްޗަކަށްވުމާއެކު، ޓަޗްލެސް ސީއޯޕީ ބޭނުންކުރުމުން ލިފްޓަށް އަރާފައިބާ މީހުން ބަޓަން ތަކުގައި އަތްލާން ނުޖެހުމުން، ލިފްޓު ބޭނުންކުރާ ފަރާތްތަކަށް ސަލާމަތްތެރިކަން ކަށަވަރު ކޮށްދޭ،" އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯއިން ތައާރަފްކުރި ބަޓަންތަކުގައި އަތްލާން ނުޖެހޭ "ކޯނޭ" ލިފްޓް. ފޮޓޯ: ކޯނޭ

ޓަޗްލެސް ފީޗާގެ އެންމެ ހާއްސަ ސިފައަކީ ލިފްޓުގެ ބަޓަންތަކުގައި އަތްލުމުގެ ބަދަލުގައި، އަތް 1 ސެންޓިމީޓަަރަށް ކައިރި ކޮށްލުމުން އެ ކައިރި ކުރާ ބަޓަންގެ ސެންސަރު އެކްޓިވޭޓްވުމެވެ. މިއީ ލިފްޓް ބޭނުންކުރާ ފަރާތްތަކަށް އިތުރު ހިތްހަމަ ޖެހުމަކަށް ވާނެ ކަމެކެވެ.

މީގެ އިތުރުން އެސްޓީއޯއިން ވަނީ، މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތަށް އެކަށީގެންވާ ގޮތަށް، ލިފްޓްގައި ހަރުކުރާ "ކޯނޭ" އެއާ ޕިއުރިފަޔާ ވެސް ތައާރަފްކޮށްފަ އެވެ. އެ އެއާ ޕިއުރިފަޔާގެ ބޭނުމަކީ ލިފްޓް ތެރޭގައި ހުންނަ ވައި ސާފުކޮށްދިނުމެވެ.

އެހެންކަމުން ލިފްޓް ތެރޭގައި ހުންނަ އެކި ވަސްވަހާއި ބެކްޓީރިއާތައް މި އެއާ ޕިއުރިފަޔާއިން ނައްތާލަ އެވެ.

ކޯނޭ އިން އެއާ ޕިއުރިފަޔާއަށް ބޭނުންކޮށްފައިވަނީ ނާސާ އިން ޖައްވަށް ފޮނުވާ އުޅަނދުތަކުގައި ކޮންޓަމިނޭޝަން ނައްތާލުމަށް ބޭނުންކުރާ ޕީސީއޯ ޓެކްނޮލޮޖީ އެވެ.

އެސްޓީއޯއިން ތައާރަފްކުރި ބަޓަންތަކުގައި އަތްލާން ނުޖެހޭ "ކޯނޭ" ލިފްޓް. ފޮޓޯ: ކޯނޭ

އެސްޓީއޯއިން ބުނިގޮތުގައި ކޯނޭ ޓަޗްލެސް ސީއޯޕީ އަދި ކޯނޭ އެއާ ޕިއުރިފަޔާ އެންމެ ފުރަތަމަ ރާއްޖޭގައި ހަރުކުރާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ލިފްޓްގަ އެވެ.

"އެންމެންގެ ރައްކާތެރިކަމަށް އިސްކަންދީގެން، ލިފްޓް ގަތުމުގައި މިފަދަ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އެ ކުންފުނިން ބުންޏެވެ.