މި އަހަރުގެ ބަޖެޓަށް އިތުރުވާ 2.24 ބިލިއަން ރުފިޔާ ސަލްޕިމެންޓްރީ ބަޖެޓެއްގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަހަރަށް ކަނޑައަޅާފައިވާ 34.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ސަރުކާރުގެ ހަރަދުތައް އިތުރުވެ އެވެ. އެގޮތުން މި އަހަރު ނިމޭއިރު ސަރުކާރުގެ ބަޖެޓުގައި ހުންނާނެ ކަމަށް ފާހަގަކުރެވެނީ 37.1 ބިލިއަން ރުފިޔާ އެވެ.

ބަޖެޓަށް އަލަށް އިތުރުވި އަދަދާ އެކު މިއަހަރުގެ ބަޖެޓުގައި ދައުލަތުގެ ރިކަރަންޓް ހަރަދު 24.5 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ.

މި އަދަދު ފާހަގަކުރެވެނީ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ ތިން އިންސައްތަ އިތުރު އަދަދެއްގެ ގޮތުގަ އެވެ. އަދި ބަޖެޓުގެ ކެޕިޓަލް ހަރަދުވެސް 12.2 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. އަދި އެއީ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ އެއް އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުން ބުނާގޮތުގައި މިއަހަރު ވިއްކި ސުކޫކުން ލިބުނު 2.9 ބިލިއަން ރުފިޔާ ދެއްކީ ނިމިދިޔަ ސަރުކާރުގައި އިޝޫކުރި ސޮވެރިން ބޮންޑުގެ ދަރަނި އަދާކުރުމަށެވެ. އަދި އެ ބޮންޑަށް ނުދެއްކި ބާކީ އޮތް 894 މިލިއަން ރުފިޔާ އަންނަ އަހަރު ދެއްކުމަށް ރާވާފައިވާއިރު، އެ ދެއްކުމަށް ހަމަޖެހިފައިވަނީ ޑިވެލޮޕްމަންޓް ފަންޑު މެދުވެރިކޮށެވެ.