މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެލޭޝިޔާގެ ނޯތު ޕޯޓާއެކު ފަސް ދާއިރާއަކުން ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އޮންލައިންކޮށް ބޭއްވި މި ރަސްމިއްޔާތުގައި މެލޭޝިއާގެ ނޯތު ޕޯޓުގެ ފަރާތުން ސޮއިކުރެއްވީ، އެ ބަނދަރުގެ ސީއީއޯ ދަތޯ އަޒްމާން ޝާހް މުހައްމަދު ޔޫސުފް އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ.

އެމްޕީއެލް އިން ބުނިގޮތުގައި މިއެއްބަސްވުމުގެ ދަށުން މައިގަނޑު ފަސް ދައިރާއަކުން ނޯތު ޕޯޓާއި އެމްޕީއެލް ގުޅިގެން މަސައްކަތް ކުރާނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ކޮވިޑާއެކު ދުނިޔޭގެ ކަންކޮޅުތަކަށް މުދާ ފޯރުކޮށްދިނުމުގައި ހުރިހާ ބަނދަރަކަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. އެހެންކަމުން މިފަދަ ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމަކަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި މެލޭޝިއާގެ ނޯތު ޕޯޓާއެކު ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްޕީއެލް

ޝާހިދު ވިދާޅުވީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަކީ މިހާރު މިދާއިރާގެ ހާލަތަށް ބަލާއިރު މަޖުބޫރުވެފައިވާ ކަމެއް ކަމަށާއި، އެމްޕީއެލްއިން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ކުރިއެރުންތަށް ހޯދުމަށް ކަމަށެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން މެލޭޝިއާގެ ނޯތުޕޯޓުގެ ސީއީއޯ އަޒްމާން ޝާހް ވިދާޅުވީ، މިއީ ގިނަ ދުވަސްތަކަށް މަޝްވަރާ ކުރެވި، ނަމަވެސް އެއްބަސްވުމުގައި ސޮއިކުރުން ލަސްވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މިއީ ދެ ފަރާތަށް ވެސް ތަޖުރިބާ ހިއްސާކޮށް ގިނަ ފައިދާތަކެއްކުރާނެ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލް އިން ބުނިގޮތުގައި މިއެއްބަސްވުމުގެ ދަށުން ވިޔަފާރި ތަރައްގީކުރުމާއި، ފަންނީ ތަމްރީނުތަކާއި މައުލޫމާތު ބަދަލުކުރުމުގެ އިތުރުން، އިންޖިނިއަރިން އަދި މެއިންޓެނެންސް ދައިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެ އެވެ. މީގެ އިތުރުން އޮން ދަ ޑޮކް ޓްރެއިނިން ކުރިއަށް ގެންދިއުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.