ގްރޭޓާ މާލެ ސަރަހައްދުގައި މަގުމަތީ ބާޒާރާއި ފެއާތައް ބޭއްވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދޫކުރަން ފަށައިފި އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ނައިޓް މާކެޓާއި މަގުމަތީ ބާޒާރު އަދި ފެއާތައް ބޭއްވުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވުމުގެ ހުއްދަ އަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށް ބުނެފަ އެވެ.

މިގޮތުން މި ފޯމު ހުށަހަޅާއިރު، ފެއާތަށް ހިންގުމުގައި އަމަލު ކުރަންވީ އުސޫލުތަކަށް ތަބާވާނެކަމަށް ބުނެ ސޮއިކޮށްފައިވާ އިގުރާރެއް ވެސް ފޯމާއި އެކުގައި ހުށަހަޅާން ޖެހޭނެ ކަމަށް ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން އާންމުކުރި އުސޫލުތަކުގައި ވާގޮތުން، މަގުމަތީ ބާޒާރުގައި ވިޔަފާރި ކުރެވޭނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއަކަށްށެވެ. އަދި ވިއްކާ ހުރިހާ މުދަލެއްގައިވެސް އަގު ޖަހަން ޖެހެ އެވެ. އޭގެ އިތުރުން ކެއުމުގެ ބާވަތެއް ވިއްކާނަމަ، އެއީ ސިއްހަތަށް ރައްކާތެރި އެއްޗެއްތޯ ޔަގީންކުރަންޖެހެ އެވެ.

ވިއްކަނީ އިމްޕޯޓު މުދާނަމަ، އެތަކެތި ވިއްކުމަށް އިކޮނޮމިކް މިނިސްޓްރީގައި ވެސް ރަހިސްޓްރީ ވާންޖެހެ އެވެ. މަގުމަތީ ބާޒާރު ބާއްވަނީ އަތުޅުތެރޭގެ ރަށެއްގައި ނަމަ، އެރަށެއްގެ ރަށު ކައުންސިލުން ހުއްދަ ދޫކުރެ އެވެ. އަދި ބާއްވަނީ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުން ހުއްދަ ދޫކުރެ އެވެ.

މީގެ ކުރިން މާލެ ސަަރަހައްދުގައި މަގުމަތީ ބާޒާރުތައް ބޭއްވުމުގެ ހުއްދަ ދިނުން މެދުކަނޑާލާފައިވަނީ ކޮވިޑާއި ގުޅިގެންނެވެ. އަދި ކޮވިޑް ފެތުރުނަ ނުދިނުމަށް މި ހުއްދަ ދިނުން ވަނީ ފަސްކޮށްފަ އެވެ.