ގޭބިސީތަކުގައި ބޭނުންކުރާ ޒަރޫރީ މުދަލުގެ އަގުތައް ބޮޑުވިޔަ ނުދީ އަންނަ އަހަރު ހިފެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރާ ބެޖެޓާ ގުޅިގެން މެމްބަރު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ދެއްކި ވާހަކަފުޅުގަ އެވެ.

މެމްބަރު ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑަށް ފަހު އާންމު ހާލަތަކަށް އަންނައިރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"2020 ވަނަ އަހަރު ހުއްޓިފައި ހުރި އިގްތިސޯދުތައް ކުއްލިއަކަށް ހުރިހާ މަސައްކަތްތަކެއް ކުރެވި، ބާރު ސްޕީޑުގައި ކުރި އަރާ އެބަދޭ. މިއާއެކު އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ދުނިޔޭގެ ސަޕްލައި ޗޭނަށް ހިފަހައްޓައިނުލެވި މިވަނީ ކޮމޯޑިޓީސްގެ އަގު މަތިވެ، މުދާ ހޯދުމަށް އެބަ ދަތިތަކެއްވޭ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހިދުމަތްތަކުގެ އަގުތައް ތިރިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް މިއަންނަ އަހަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އިންޓަނެޓްގެ އަގު ތިރި ކުރުމާއި ބޭހުގެ އަގުތައް ދަށް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިގޮތުން އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފަ އެބަހުރި، އިންޓަނެޓުގެ އަގު އެބަ ދަށްވޭ އަދި ބޭހުގެ އަގު ތިރިކުރުމަށް ޓަކައި 2022 ވަނަ އަހަރު ދައުލަތުން ފިޔަވަޅުތަކެއް އެޅުމަށް ރާވައިފައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް އަމީރު ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ކުރިމަތިވެފައިވާ އިންފުލޭޝަނަކީ ދާއިމީ ކަމެއް ކަމުގައި އިޤުތިޞާދީ މާހިރުން ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން އައިއެމްއެފުންވެސް ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރުގެ ތެރޭގައި އިންފުލޭޝަން ރޭޓު ދަށަށް ދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އިތުރަށް އަމީރު ވިދާޅުވީ އިންފުލޭޝަން ކަނޑައެޅުމުގައި ގުނާ މުދަލާއި ޚިދުމަތުގެ ތެރެއިން ބައެއް ބާވަތްތައްކުގެ އަގުހެޔޮކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޓަނެޓުގެ ޚިދުމަތުގެ އަގުހެޔޮކުރުން ހިމެނޭ ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން ޖުމްލަކޮށް އިންފުލޭޝަން މަތިވިޔަނުދީ ހިފަހެއްޓޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވި ނަމަވެސް މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ އަންނަ އަހަރު ރާއްޖޭގައި މުދަލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.