ކޯވިޑާ ގުޅިގެން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ތައާރަފްކުރި "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިހާތަނަށް 298.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މި ލޯނު ދޫކުރަނީ އެސްޑީއެފްސީ މެދުވެރިކޮށެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 1،807 ފަރާތަކަށް 298.9 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1،250 ވިޔަފާރިއަކަށް ދޫކޮށްފައިވާ 282.2 މިލިއަން ރުފިޔާ އާއި އަމިއްލަ މަސައްކަތްކުރާ 557 ފަރާތަކަށް ދޫކުރި 16.7 މިލިއަން ރުފިޔާ ހިމެނެ އެވެ.

ސަރުކާރުން ވަނީ ކޮވިޑާ ގުޅިގެން، އަންހެނުން ހިންގާ ވިޔަފާރިތަކަށް ވެސް އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރަމުންނެވެ. އެގޮތުން އަމިއްލަ މަސައްކަތްކުރާ އަންހެނުންނާއި ވިޔަފާރިތައް ހިންގާ މީހުންނަށް އެސްޑީއެފްސީން ލޯނު ދޫކޮށްފައިވެ އެވެ. އެގޮތުން މިހާތަނަށް 524 އަންހެނަކަށް 109.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.

ކޯވިޑާ ގުޅިގެން އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައި ވަނީ ކޮމާސްގެ ދާއިރާއިންނެވެ. އެއީ ޖުމްލަ 177.7 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ގިނައިން ލޯނު ދޫކޮށްފައި ވަނީ އިމާރާތްކުރުމުގެ ދާއިރާއަށެވެ. އެއީ 52.7 މިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމަށް 51.9 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.