މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެއް ބިލިއަން ރުފިޔާ ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު ބުނީ މިދިޔަ މަހު ލިބުނު އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 155.7 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި، އެއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 39.2 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާ އިން ބުންޏެވެ.

އެ އޮތޯރިޓީން ބުނިގޮތުގައި، އޮކްޓޫބަރު 2020ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދެއްކި އަދަދު އިތުރުވުމެވެ. މިގޮތުން، އޮކްޓޫބަރު 2020 އާއި އަޅާބަލާއިރު، މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 12 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ.

މީގެ ސަބަބަކީ 2020 ވަނަ އަހަރު ދިމާވި ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުން ކަމަށް މީރާއިން ފާހަގަކުރެ އެވެ. މީގެ އިތުރުން، އާމްދަނީ އިތުރުވުމުގެ އަނެއް ސަބަބަކީ ކުރީގެ މުއްދަތުތަކަށް ލިބެން ޖެހޭ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 58.4 ޕަސެންޓް ނުވަތަ 584.86 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 11.8 ޕަސެންޓް ނުވަތަ 117.96 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ (6.5 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 57.16 މިލިއަން ރުފިޔާ (5.7 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 50.2 މިލިއަން ރުފިޔާ (5.0 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 125.98 މިލިއަން ރުފިޔާ (12.6 ޕަސެންޓް) ހިމެނެ އެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 38.20 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.