އެސްޓީއޯ އިން ވިއްކާ "މޯލްޑިވްސް ސިމެންތި"ގެ ވިޔަފާރި އިތުރަށް ފުޅާކޮށް މާކެޓްކުރަން، އެސްޓީއޯގެ ސްޓްރެޓެޖިކް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެޕޯލޯ ހޯލްޑިންގްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާން އެވެ. އެޕޯލޯ ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު މުހައްމަދު ވަހީދު (ދިގަލި) އެވެ.

އެސްޓީއޯ އިން ބުނީ، އެޕޯލޯއާއެކު ސޮއިކުރި އެއްބަސްވުމަކީ ސިމެންތީގެ ވިޔަފާރީގައި ރާއްޖޭގައި މިހާތަނަށް ހެދުނު އެންމެ ބޮޑު އެއް އެއްބަސްވުން ކަމަށެވެ. އަދި މިއީ ދެ ކުންފުނީގެ ކޮންސްޓްރަކްޝަން ސަޕްލައި ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ އަތޮޅު ތެރެއަށް "މޯލްޑިވްސް ސިމެންތި" ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އަދި އެފޯލޯ ކުންފުނި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވްސް ސިމެންތި ހެޔޮ އަގުގައި ފޯރު ކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ރާއްޖޭގައި ރިއަލް އެސްޓޭޓްގެ ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގަން ވަނީ ނިންމައިފަ އެވެ.

ފަންނީ ތަޖުރިބާކާރުންނާއި މުޅި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުބާރު ހޯދާފައިވާ "މޯލްޑިވްސް ސިމެންތި"އަކީ މާކެޓުގައި މިހާރު ލިބެން ހުރި އެންމެ ކޮލިޓީ ރަނގަޅު ސިމެންތި އެވެ. އަދި ކަސްޓަމަރުންނަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނުގެ އަގާއި ކޮލިޓީ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަބަދުވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

"މޯލްޑިވްސް ސިމެންތި"އަކީ އެސްޓީއޯ އަދި އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި، ރޭސޫޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑުން ތިލަފުށީގައި ގާއިމުކޮށްފައިވާ ފެކްޓްރީން އުފައްދަމުން އަންނަ ސިމެންތިއެކެވެ.

އެސްޓީއޯ އިން ޖޮއިންޓް ވެންޗާ ހަދާފައިވާ އޮމާންގެ މިކުންފުންޏަކީ ގަލްފް ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި އެ މަސައްކަތްކަތް ކުރަމުން އަންނަ ކުންފުންޏެވެ.