ގްރޭޓާ މާލޭ ސަރަހައްދުގައި ވިޔަފާރި ހަބެއްގެ ގޮތުގައި ބޭނުންކުރާ، ކ. ތިލަފުށީގެ ބިންތައް ގަވާއިދާ ހިލާފަށް ބޭނުންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) ން ބުނެފި އެވެ.

ތިލަފުށި ބިންތައް ގަވާއިދާ ހިލާފަށް ބޭނުން ކުރަމުންދާ މައްސަލައާ ގުޅިގެން އެޗްޑީސީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތިލަފުށްޓަކީ މި ސަރަހައްދުގައި، އެންމެ ފުޅާ ދާއިރާއެއްގައި ސިނާއީ މަސައްކަތް ކުރަމުން ގެންދާ، އަދި ގްރޭޓާ މާލޭއޭރިއާގެ ވިޔަފާރި ހަބެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދާ، ތަފާތު އެތައް ވިޔަފާރިއެއް ހިންގާ ރަށެއް ކަމަށެވެ.

މިގޮތުން މުޅި ރަށުގެ ބިން ވަނީ އެކި އެކި ވިޔަފާރިތަކަށް ކުލީ ބިމުގެ ގޮތުގައި ދޫކުރެވިފައި ކަމާއި މި ބިންތަކަކީ އެތަންތާންގައި ވިޔަފާރިކޮށް އަދި އެވިޔަފާރިތައް ފުޅާކޮށް ހުރިހާ ފަރާތްތަކަށް ވެސް އާމްދަނީ ހޯދުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ އިގްތިސާދަށް އަދި ވިޔަފާރިތަކަށް ވެސް ކުރިއެރުން ގެނެސްދޭން ގްރޭޓާ މާލޭ އޭރިއާގައި ހިންގާ ސިނާއީ މަސައްކަތްތަކަށް ހާއްސަ ކޮށްފައިވާ ރަށެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

އެހެންކަމުން އެޗްޑީސީން ތިލަފުށީގައި ހިނގަމުންދާ އެކި އެކި ސިނާއީ މަސައްކަތް ތަކަށް އެންމެ ފަހި ފުރުސަތުތަކަށް މަގުފަހި ކުރުމުގެ ގޮތުން ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އެންމެންގެ މަސްލަހަތަށްޓަކައި ހިފަހައްޓަން ޖެހޭ ބައެއް ކަންކަން ހިފަހައްޓަމުން ގެންދާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ އަމަލުކުރަން ޖެހެނީ، ތިލަފުށިން އެކި ބޭނުންތަކަށް (ވަގުތީ އަދި ދާއިމީ ނަމަވެސް) ބިން ދޫކުރެވެނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ތެރެއިން ކަމާއި މި އެއްބަސްވުމުގައި ދެ ފަރާތުން ވެސް އަމަލުކުރަންޖެހޭ އަދި ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަންތައްތަކެއް ހިމަނާފައިވާނެ ކަމާއި އަދި އެއްބަސްވުމާ ހިލާފުވާ ފަރާތްތަކުގެ އެއްބަސްވުންތައް ބާއިލުކުރެވޭނެ ކަމަށް ވެސް މި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް ތިލަފުށިން އެކި ބޭނުންތަކަށް ބިން ދޫކޮށްފައިވާ ފަރާތްތަކުން އެއްބަސްވުމާ ހިލާފަށް ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތިން އެފަރާތްތަކަށް އަންގާފައިވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީގެ އެންގުންތަކާ ހިލާފަށް އަމަލުކުރަމުން ގެންދާތީ، އާއްމު މަސްލަހަތު ގެއްލި، އެއްފަރާތުން ހިންގާ އަމަލެއްގެ ސަބަބުން އަނެއް ފަރާތުގެ މަސައްކަތަށް ގެއްލުންވެ ނުވަތަ ދަތިވެދާފަދަ އަމަލުތައް ވެސް ހިމެނޭތީ އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އެކުންފުނިން އިލްތިމާސް ކުރާކަމަށެވެ.

އެޗްޑީސީން ބުނީ މީގެފަހުން މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާ މެދު ހެދިފައިވާ އެއްބަސްވުމުގެ ތެރެއިން އެކޯޕަރޭޝަނެއް އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.