ސިޓީ އިންވެސްޓްމަންޓްސް ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިއުމަށާއި އެ ކުންފުނީގެ އެއްވެސް މުދަލެއް ވިއްކައި ނުވަތަ ދަރަނި ނެގުމާއި ރަހުނު ކުރާ ނަމަ ސިވިލް ކޯޓުގެ ހުއްދަ ހޯދަން އަންގާ ވަގުތީ އަމުރެއް ނެރެފި އެވެ.

ސިޓީ އިންވެސްޓްމަންޓްގެ ދަށުން މާލޭގައި ސިޓީ ގާޑެން ނަމުގައި ކެފޭއަކާއި ސިޓީ ބޭކަރީ އެއް ހިންގަ އެވެ.

ސިޓީ އިންވެސްޓްމަންޓްސްގެ ތިން ހިއްސާދާރުންގެ ތެރެއިން އަލީ ފަހީމް ވަނީ އަނެއް ދެ ހިއްސާދާރުން ކަމަށްވާ މުހައްމަދު ލަތީފާއި އަބްދުއްލަތީފް އަމަލުކުރާ ގޮތުން އޭނާގެ ހައްގުތަކަށް އުނިކަން އަންނަ ކަމަށް ބުނެ އެ ކުންފުނި އުވާލަން ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ގަވާއިދާ ޚިލާފަށް ނިންމާފައިވާ ނިންމުންތައް ބާތިލްކޮށް އަދި ހުރިހާ ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ގޮތަކަށް ކުންފުނިން ހިންގުމުގެ އަމުރަކަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

އެ މައްސަލަ ނިމެންދެން އެ ކުންފުނީގެ އެއްވެސް މުދަލެއް ވިއްކައި ނުވަތަ ރަހުނު ނުކުރުމަށާއި އިތުރު ދަރަންޏެއް ނުނަގަން އަމުރެއް ނެރެ ދިނުމަށް އޭނާގެ ފަރާތުން ވަގުތީ އަމުރަކަށް އެދުނެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައިވަނީ މައްސަލަ ނިމުމުގެ ކުރިން ކުންފުނީގެ މިހާރު ހާލަތު ބަދަލުވެގެން ނުދާނެ ފަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެހެންވުމުން އެ ކުންފުނީގެ ވިޔަފާރި އާންމު އުސޫލުން ކުރިއަށް ގެންދިއުމަށާއި އެ ކުންފުނީގެ އެއްވެސް މުދަލެއް ކުއްޔަށް ދިނުން ނުވަތަ ވިއްކުން ނުވަތަ ރަހުނު ކުރުން ނުވަތަ މިލްކުން އުނި ކުރުން ފަދަ ކަމެއް ނުކުރުމަށާއި ކުންފުނީގެ ނަމުގައި ދަރަނި ނެގުމާއި ދަރަންޏަށް ގެރެންޓީއެއް ދިނުން ފަދަ ކަމެއް މައްސަލަ ނިމުމުގެ ކުރިން ކުރާ ނަމަ، ކޯޓުގެ ހުއްދަ ހޯދަން ސިޓީ އިންވެސްޓްމަންޓާއި އަލީ ލަތީފާއި އަބްދުއްލަތީފަށް އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.