މިހާ ފުރިހަމައަށް ހިންގާ މުސްކުޅި ފިހާރައެއް ރަށްރަށުގައި މިހާރު ވަރަށް މަދުވާނެ އެވެ؛ މިއީ އޭގެ ތެރެއިން ވެސް މުސްކުޅި ސްޓައިލަށް، އެހާމެ ފުރިހަމައަށް ހިންގާ ފިހާރައެކެވެ.

ބޭރުން ފިހާރައެއްކަން ފާހަގަ ނުވިޔަސް، ފިހާރައަށް ވަދެ ބަލައިލިއިރު ވަރަށް ގިނަ ތަކެތި ލިބެން އެބަހުއްޓެވެ. އާއްމުކޮށް ކެއިން ބުއިމަށް ބޭނުންވާ ގިނަ ބާވަތްތައް، ލަކުޑިން ހަދާފައިވާ ހަރެއްގައި ވަރަށް ތަރުތީބުން ބަހައްޓާފައިވެ އެވެ. އޭގެ އިތުރުން ދިވެހި ބޭސް ތައްޔާރުކުރަން ބޭނުންވާ ހުރިހާ ބާވަތެއް ހެން މި ފިހާރައިން ލިބެންހުރެ އެވެ. މިތަނުން ކަރާސީނު ތެލުން ފެށިގެން، ބިސްކޯދާއި ކުކިން އޮއިލާއި ކުކުޅު ބިހާއި، ލޮނުމެދު ވެސް ވިއްކަ އެވެ. މިއީ މި ރަށުގައި އެންމެ ފުރަތަމަ ހުޅުވި އަދި އެންމެ ގިނަ ދުވަސްވީ ފިހާރަ އެވެ.

"ދީދާރު ސްޓޯރު"ގެ ނަމުގައި މީގެ 60 ވަރަކަށް އަހަރު ކުރިން ހުސެއިން ތައްޚާނު އެ ފިހާރަ ހުޅުވީ އޭރު ފުވައްމުލަކުގައި ފިހާރައެއް ނެތުމުން ހުރިހާ އެއްޗެއް އެއްތަނަކުން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގަ އެވެ. އެ ޒަމާނުގައި ގޭގެއަށް ކާބޯތަކެތި އާއްމުކޮށް ގެންނާނީ އަވައްޓެރި އައްޑޫގައި އިނގިރޭސިން އުޅުނުއިރު ގަމުންނާއި އޮޑިފަހަރުގައި ގޮސް ސްރީލަންކާގެ ކޮލަމްބޯއިންނެވެ.

"މިތަނަކީ މިހާރު ވެސް މިރަށުގައި ހުރި އެންމެ ގިނަ ދުވަސްވީ ފިހާރަ. މިހާރު ވެސް މިތަނުން ކޮންމެ ދުވަހަކު ވިޔަފާރިކުރަން އަންނަ މީހުން ތިބޭނެ. މިތަން ހުޅުވި ފަހުން މިރަށުގައި އެހެން މީހުން ފިހާރަ ހުޅުވަން ފެށީ،" އެ ފިހާރައިގެ ވެރިޔާ ބުންޏެވެ.

ނަވާރަ ފަންސާހުގެ ފަހުކޮޅު ހުސެއިން ތައްޚާނު ހުޅުވި އެ ފިހާރައިން އޭރު ވެސް އާއްމުކޮށް ކެއިން ބުއިމަށް ބޭނުންވާ ގިނަ ބާވަތްތަކާއި ފުޅި ބައްތި ދިއްލަން ކަރާސީނު ތެލާއި ދިވެހި ބޭސް ތައްޔާރުކުރަން ބޭނުންކުރާ އެކި ވައްތަރުގެ ތަކެތި އަދި ހެދުން ފަހަން ބޭނުންވާ ފޮތި ވެސް އެ ޒަމާނުގައި ގެނެސް ފުޅާ ދާއިރާއެއްގައި ވިއްކި އެވެ.

މިހާރު ވެސް ގަވައިދުން އެ ފިހާރަ ކޮންމެ ދުވަހަކު ހުޅުވައިގެން ވިޔަފާރިކުރެ އެވެ. އެތަނުން އާއްމުކޮށް މިހާރު ވިޔަފާރިކުރަނީ އޭނާގެ އަވައްޓެރިންނެވެ.

ފުވައްމުލަކުގައި އެންމެ ފުރަތަމަ ހުޅުވި ފިހާރަ "ދީދާރު ސްޓޯރުގެ ވެރިޔާ ހުސެއިން ތައްޚާނު ކައުންޓަރުގައި މަޑުކޮށްލައިގެން ހުރެ "ހުރިހާ"އަށް އިއްޔެ އިންޓަވިއު ދެނީ. ފޮޓޯ: އަހުމަދު ޝަފީގު (އަފަގެ)

"މިހާރު މި ރާއްޖޭގައި ވެސް އެންމެ ގިނަ ދުވަސްވީ އެއް ފިހާރައަށް މި ފިހާރަ ވާނެ. އަހަރެން މަރުވަންދެން ވެސް މިތަން ހުއްޓައެއް ނުލާނަން،" ފިހާރައިގެ ކައުންޓަރު ކައިރީގައި ހުރެ ބުންޏެވެ.

މިހާރު މި ރާއްޖޭގައި ވެސް އެންމެ ގިނަ ދުވަސްވީ އެއް ފިހާރައަށް މި ފިހާރަ ވާނެ. އަހަރެން މަރުވަންދެން ވެސް މިތަން ހުއްޓައެއް ނުލާނަން،
ހުސެއިން ތައްޚާން

ހުސެއިން ތައްޚާނު ވަނީ ދެ ބޮއްކުރާއި ދިހަ ފަލީގައި ދުއްވާ ދެ ބޮއްކުރާ އަދި ބޮޑު ދެ ދޯނި ވެސް މީގެ 30 އަހަރު ކުރިން ދުއްވައިފަ އެވެ. އޭނާއަކީ އެ ޒަމާނުގެ ނިސްބަތުން ބޮޑު ވިޔަފާރިވެރިއެކެވެ.

ޒަމާން ބަދަލުވިޔަސް މި ފިހާރައަށް ބަދަލެއް ނާދޭ

ފުވައްމުލަކުގައި އެންމެ ފުރަތަމަ ހުޅުވި ފިހާރަ "ދީދާރު ސްޓޯރު: ޒަމާން ބަދަލުވިޔަސް 60 އަހަރަށް ވުރެ ގިނަ ދުވަސްވީ މި ފިހާރައަކަށް ބަދަލެއް ނާދޭ. ފޮޓޯ: އަހުމަދު ޝަފީގު (އަފަގެ)

މިރަށު މިސްކިތްމަގު އަވަށު ދީދާރުގެ ތެރެއިން ވަދެވޭ ގޮތަށް ހުންނަ ކުޑަކުޑަ އެ ފިހާރައަށް އެހާ ގިނަ ދުވަސްވީއިރު މާބޮޑު ބަދަލެއް ނާދެ އެވެ. ފިހާރައިގެ މައިގަނޑު ހުރިހާ މުދަލެއް އަތުރާފައި ހުންނަނީ ކައުންޓަރުގެ ބިއްދޮށުގައި ހުންނަ ހަރުތަކުގަ އެވެ. ލަކުޑިން ހަދާފައިވާ އެ ކައުންޓަރުގެ ބިއްދޮށުން ފެންނަން ހުރި ހަރުތަކަކީ ވެސް އެހާ ގިނަ ޒަމާންވީ ތަކެއްޗެވެ. އެ ފިހާރައިގެ ހިސާބުތައް އަދިވެސް ހުސެއިން ތައްޚާނު ވަރަށް ރަނގަޅަށް ބަލަހައްޓަ އެވެ.

ފިހާރަ ތެރެއިން ވަދެވޭ ގޮތަށް ވަކިން ފިހާރައިގެ ގުދަނެއް ވެސް ހަދާފައިވެ އެވެ. މިހާރު އެ ގުދަން ބޭނުންކުރަނީ މާލެއިން ގެންނަ މުދަލާއި ކަރާސީނު ތެލާއި ދިވެހި ބޭސް އުފައްދަން ބޭނުންކުރާ ތަކެތި ރައްކާކުރާށެވެ.

އެ ގުދަނުގެ އެއް ފަޅީގައި ވެސް ލަކުޑިން ހަރު ހަދައި ވަރަށް ތަރުތީބު ތަކެތި އަތުރާފައި ހުއްޓެވެ. އެ ހަރުތަކުގައި އެކި ބާވަތްތަކުގެ ދިވެހި ބޭހާއި ބޭސް ތައްޔާރުކުރަން ބޭނުންކުރާ ގިނަ ސާމާނު ފުޅިފުޅީގަ އާއި ޕެކެޓްތަކުގައި ރައްކާކޮށްފައި ހުއްޓެވެ.

"ދީދާރު ސްޓޯރު"ގެ ގުދަން: މި ފިހާރައިން ނުލިބޭ ބޭހުގެ ބާވަތެއް ވަރަށް މަދުވާނެ. ފޮޓޯ: އަހުމަދު ޝަފީގު (އަފަގެ)

އެތަނުގައި މިނެކިރަން އަދިވެސް ބޭނުންކުރަނީ އެންމެ ކުރީ ޒަމާނުގައި ބޭނުންކުރި ތިލަފަތާއި ތަރާދެވެ. އެ ތަކެއްޗަށް ވެސް ފިހާރައަށް ވީހާ ގިނަ ދުވަސްވެއްޖެ އެވެ. އޭގެ އިތުރުން އެތަނުގައި ގެންގުޅޭ ބޭސްތައް އަދިވެސް ރައްކާކޮށްގެން ގެންގުޅޭ މަތި ހުޅުވޭ ގޮތަށް ހުންނަ ދަގަނޑު ފޮއްޓެވެ. އެކަހަލަ ތަކެތި ފިހާރައެއްގައި ގެންގުޅޭ ތަން ފެނުމަކީ ވަރަށް ނާދިރުކަމެކެވެ.

"ދީދާރު ސްޓޯރު"ގެ ވެރިޔާ ހުސެއިން ތައްޚާނު އެތަނުން ވިއްކާ ދިވެހި ބޭސް އުފައްދާ ތަކެތި ދައްކާލަނީ: މި ފިހާރައިން ނުލިބޭ ބޭހުގެ ބާވަތެއް ވަރަށް މަދުވާނެ. ފޮޓޯ: އަހުމަދު ޝަފީގު (އަފަގެ)

ހުސެއިން ތައްޚާނު އަދިވެސް ބޭނުން ވަނީ އޭނާ އެ ވިޔަފާރި ފެށިއިރު ބޭނުންކުރި ތަކެތި ކިތަންމެ ޒަމާނެއް ވިޔަސް ބޭނުންކުރާށެވެ.

"މި ތަކެއްޗަކީ މިހާރު އާސާރީ ތަކެތި. މިކަހަލަ އެއްޗެއް މިހާރު ފެންނާނީ ވެސް މަދުން. އެހެންވެ މިތަކެތި އަދިވެސް މި ގެންގުޅޭ ވަރަށް ފަރުވާތެރިކަމާއެކު،" އުމުރުން 84 އަހަރުވެފައިވާ އެ ވިޔަފާރިވެރިޔާ ބުންޏެވެ.

އޭނާގެ މިހާރު މައިގަނޑު ވިޔަފާރިއަކީ ރާއްޖެއިން ލިބެން ނެތް ދިވެހި ބޭސް ތައްޔާރުކުރާ ތަކެތި ގެނެސް ވިއްކުމެވެ. މީގެ ތެރެއިން ބައެއް ތަކެއްޗަކީ ވެސް އެތައް ޒަމާނެއް ވަންދެން ގެންގުޅޭ ތަކެއްޗެވެ. މިތަނުގައި އާމަނަކަ ތެޔޮ، ހުދުތާރަފިނި، ތިލެޔޮ، ތަނބިވައް، މަހިލަނބު، ހުދު އިސްބަޣުލު، އަރެޅި، ބަރެޅި، ގޮއިނބިލި، ތަކޫވަތް، ލާދަން، ބޮކަރު ވަކަރު، ވެސް ހުއްޓެވެ.

"ދީދާރު ސްޓޯރު"ގައި ވިއްކާ ދިވެހި ބޭސް އުފައްދާ ބައެއް ތަކެތި: މި ފިހާރައިން ނުލިބޭ ބޭހުގެ ބާވަތެއް ވަރަށް މަދުވާނެ. ފޮޓޯ: އަހުމަދު ޝަފީގު (އަފަގެ)

"މިތަނުގައި ލިބެންނެތް ބޭހެއް ވަރަށް މަދުވާނެ. މާލެއިން ވެސް މީގެ ތެރެއިން ގިނަ ބޭސް ނުހުންނާނެ ވިއްކަން،" ހުސެއިން ތައްޚާނު ބުންޏެވެ.

މިތަނުގައި ލިބެންނެތް ބޭހެއް ވަރަށް މަދުވާނެ. މާލެއިން ވެސް މީގެ ތެރެއިން ގިނަ ބޭސް ނުހުންނާނެ ވިއްކަން،
ހުސެއިން ތައްޚާން

އެ ފިހާރާގައި ވިއްކާ ބޭހުގެ ބާވަތްތަކަކީ އޭނާ ސްރީލަންކާ އާއި އިންޑިއާއަށް އެކި ދުވަސްވަރު ދަތުރުކޮށް ގަނެގެން ގެނެސްފައިވާ ތަކެއްޗެވެ. މިހާރު ވެސް ބައެއް ތަކެތި ހުސްވުމުން އޯޑަރުކޮށްގެން ވެސް ގެނެ އެވެ.

ދީދާރުގެއަކީ ވެސް ކުޑަވަރެއްގެ ދާރުއާސާރެއް

ހުސެއިން ތައްޚާނުގެ ފިހާރައާއެކު ހުންނަ ގެއަކީ ވެސް ކުޑަކުޑަ ދާރުލްއާސާރެކެވެ. އޭނާގެ ސިޓިން ރޫމްގައި އަދިވެސް ހުންނަނީ އެންމެ އިހުޒަމާނުގެ އަދަރާދަ ގޮނޑި އެވެ. އެތައް ޒަމާނެއްވީ ރެލީ ބައިސްކަލަކާއި މާލެ ދަތުރުކުރަން ގެންގުޅުނު ލަކުޑި ބޮޑު ފޮއްޓެއް ވެސް ވަރަށް ފަރުވާތެރިކަމާއެކު ރައްކާކޮށްފައި އެބަހުއްޓެވެ. ބައިސްކަލު ގުދަނުގައި ރައްކާކޮށްފައި ހުއްޓަސް މިހާރު ވެސް އޭނާ ތަންތަނަށް ދިއުމަށް އެ ބައިސްކަލް ބޭނުންކުރެ އެވެ.

ދީދާރުގޭގައި ބޭނުންކުރާ ޕެނެސޮނިކް ނެޝަނަލް ބްރޭންޑްގެ ރޭޑިއޯއެއް. 40 އަހަރަށް ވުރެ ގިނަ ދުވަސްވީ މި ރޭޑިއޯ އަދިވެސް ބޭނުންކުރޭ. ފޮޓޯ: އަހުމަދު ޝަފީގު (އަފަގެ)

މީގެ އިތުރުން އޭނާ ނިދާ ކޮޓަރީގައި ބަހައްޓާފައި ހުރި ފޮށިގަނޑު ޓީވީ އާއި "ނެޝަނަލް ޕެނެސޮނިކް" ރޭޑިއޯ އަދިވެސް ކޮންމެ ދުވަހަކު ބޭނުންކުރެ އެވެ. އެ ރޭޑިއޯގެ މަތީގައި ވެސް ފޮތިކޮޅެއް ވެސް އަޅާފައިވެ އެވެ. އޭގެ އިތުރުން ކޮޓަރީގެ ފާރުގައި ވެސް ކުރީގެ ޒަމާނުގެ ބޮޑުގަޑިއެއް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. އެ ގަޑިއަކީ ވެސް 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަޑިއެކެވެ.

ދީދާރުގޭގައި ބަހައްޓާފައި ހުރި ބޮޑު ގަޑި. ހުސެއިން ތައްޚާނު ދިރިއުޅޭ ގެއަކީ ވެސް ކުޑަވަރެއް ދާރުލް އާސާރެއް. ފޮޓޯ: އަހުމަދު ޝަފީގު (އަފަގެ)

"މި ރޭޑިއޯއަކީ 1978 ވަނަ އަހަރު ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވި އަހަރު ގެނައި ރޭޑިއޯއެއް. މި ޓީވީއަށް ވެސް މިހާރު 25 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެ،" ދިވެހިރާއްޖޭގެ އަޑަށް ޓިއުންކޮށްފައި ހުރި ރޭޑިއޯ ހުޅުވާލަމުން ހުސެއިން ތައްޚާނު ބުންޏެވެ.

ރަށުން ބޭރަށް އެކި ތަންތަނަށް ދަތުރުކުރާއިރު އަދިވެސް އޭނާ ގެންގުޅެނީ އެންމެ ކުރީ ޒަމާނުގައި ވެސް އޭނާ ބޭނުންކުރި ލަކުޑި ފޮއްޓެކެވެ.

ހުސެއިން ތައްޚާނު ދަތުރުކުރަން ގެންގުޅޭ އަތްމަތީފޮށި ދައްކާލަނީ. ދިރިއުޅޭ ގެއަކީ ވެސް ކުޑަވަރެއް ދާރުލް އާސާރެއް. ފޮޓޯ: އަހުމަދު ޝަފީގު (އަފަގެ)

އުމުރުން އެހާ ދުވަސްވީއިރު ވެސް ހުސެއިން ތައްޚާނު އަދިވެސް ތަންތަނަށް ގޮސް އުޅެނީ އޭނާއަށް މީގެ 25 ވަރަކަށް އަހަރު ކުރިން މަޚުމާ ހުސެއިން ރަޝީދު ހަދިޔާކުރި "ހޮންޑާ ސުޕަ ކަބް 50" ސައިކަލުގަ އެވެ. ވިއްސާރަވެ މަގުމަތީގައި ޗަކަހެދިފައިވާ ނަމަ އެ ކޮންމެހެން ދާން ޖެހިގެން ވެސް އެ ސައިކަލުގައި ނުދާނެ އެވެ. މިހާރު ވެސް އެ ސައިކަލް ފެންނަ ފެނުމަށް ހީވަނީ މުޅިން އާ ސައިކަލެއް ހެންނެވެ. އެ ސައިކަލު އޭނާ ގެންގުޅެނީ އެހާ ވެސް ރީތިކޮށްގެންނެވެ.

ހުސެއިން ތައްޚާނު ދުއްވާ ހޮންޑާ ސުޕަ ކަބް ސައިކަލް: 25 އަހަރަށް ވުރެ ގިނަ ދުވަސްވީ މި ސައިކަލް އޭނާ ގެންގުޅެނީ ވަރަށް ލޯބިން. ފޮޓޯ: އަހުމަދު ޝަފީގު (އަފަގެ)

"ކުރިން ލަންކާއަށް ދާއިރު މީގެ ސްޕެއާ މަދުނުވާ ވަރަށް ގެންނަން. މިހާރު ވެސް ސްޕެއާ ހުންނާނެ ރައްކާކޮށްފައި. މިއީ މަޚުމާ ހުސެއިން ޖަޕާނުން ގެނެސްދިން ސައިކަލެއް،" އެ ސައިކަލު ކައިރީގައި ހުރެ ވާހަކަދައްކަމުން ހުސެއިން ތައްޚާނު ބުންޏެވެ.

އޭނާގެ ދަރިން ދެކެވާ ލޯބި އެ ސައިކަލު ދެކެ އޭނާވެ އެވެ. ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް އަމިއްލައަށް އެ ސައިކަލް ފޮހެ ރީތިކުރެ އެވެ. އެ ސައިކަލް އޭނާ ބަހައްޓާފައި ހުންނަނީ ވެސް ސިޓިން ރޫމުގެ ބޭރުގައި ވަކި ހިޔާކޮށްފައި ހުންނަ ތަނެއްގަ އެވެ.

"މި ސައިކަލެއް ނުދެން އެއްވެސް މީހަކު ދުއްވާކަށް. މިހާރު ދުއްވާލިޔަސް އެއްވެސް ބޭކާރު އަޑެއް ނީވޭނެ،" ސައިކަލް ދައްކާލަމުން ބުންޏެވެ.

ހުސެއިން ތައްޚާނަކީ ވަރަށް ސާފުތާހިރުކޮށް ތަންތަނާއި ތަކެތި ބަލަހައްޓައި، ވަރަށް ތަރުތީބުން އުޅޭ މީހެކެވެ. އުމުރުން ދުވަސް ވިޔަސް އޭނާ އަބަދުވެސް ހުންނަނީ ނަލަހެދިގެންނެވެ. ބަދަލެއް ނާންނަނީ އޭނާ ހިފައިގެންގުޅޭ ތަކެއްޗަށާއި 60 އަހަރަށް ވުރެ ގިނަ ދުވަސްވީ ދީދާރު ސްޓޯރަށެވެ.