ހުޅުމާލޭގައި ހަދާ އުރީދޫ މޯލްޑިވްސްގެ 11 ބުރީގެ އާ ކޮމާޝަލް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސަތްކަތް މިއަދު އިފްތިތާހުކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ގަތަރުގެ ކުންފުނިން ބުނީ އެ މާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސަތްކަތް އިފްތިތާހު ކޮށްދެއްވީ އުރީދޫ ޗީފް އެގްޒެކެޓިވް އޮފިސަރު ނަޖީބް ޚާންގެ އިތުރުން އެ ކުންފުނީގެ މެނޭޖްމަންޓް ޓީމްގެ މެމްބަރުންނާއެކު ކަމަށެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކަށް ކުރިމަތިވާ ގޮތަށް އެ ޕާކުގެ ހުޅަނގު ދެކުނުން އޮންނަ ހުސްބިމުގައި 6،982.89 އަކަ މީޓަރުގެ ބިމެއްގައި ބިއްލޫރި އާއި ދަގަނޑު ބޭނުންކޮށްގެން ހަދާ އިމާރާތުގެ ބިންގާ އަޅާފައި ވަނީ އޮކްޓޯބަރު 2، 2017ގައި އުރީދޫގެ ސީއީއޯ ނަޖީބު ޚާން އާއި ކުރީގެ މެނޭޖިން ޑިރެކްޓަރު ވިކްރަމް ސިންހަ އަދި ކުރީގެ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. އަދި އެތަނުގެ ފައުންޑޭޝަންގެ މަސަތްކަތް އިފްތިތާހުކޮށްފައި މިވަނީ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރު ފެށިތާ އެތައް މަހެއް ފަހުންނެވެ. މިހާރު ދަނީ އެ އިމާރާތުގެ ފައުންޑޭޝަން އަޅައި ތަނބުތައް ހެދުމަށް ކޮންކްރީޓް އެޅުމުގެ މަސައްކަތްކުރަމުންނެވެ.

އުރީދޫން ހުޅުމާލޭގައި ހަދާ ހެޑް އޮފީސް ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން އާއި ކުރީގެ މެނޭޖިން ޑިރެކްޓަރު ވިކްރަމް ސިންހަ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އުރީދޫ

އުރީދޫން ބުނީ އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވޭނެ ކަމަށެވެ. އަދި ޒަމާނީ ޑިޒައިންގެ މައްޗަށް ހަދާ އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، އެންޓަޓެއިންމެންޓް އޭރިއާ، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ސެމިނާ ހޯލް، ޕާކިން އޭރިއާ އަދި އިތުރު އެތައް ޙިދުމަތްތަކެއް މުވައްޒަފުންނަށް ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި ހަދާ އުރީދޫގެ 11 ބުރީގެ އާ ކޮމާޝަލް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސަތްކަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތަށްފަހު އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން އާއި އިސް މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އުރީދޫ

ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްސީސީ) އާ ހަވާލުކޮށްގެން ހަދާ އުރީދޫ މޯލްޑިވްސްގެ އާ ހެޑް އޮފީހުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

ހުޅުމާލޭގައި ހަދާ އުރީދޫގެ 11 ބުރީގެ އާ ކޮމާޝަލް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސަތްކަތް އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން މިއަދު ބައްލަވާލައްވަނީ. ފޮޓޯ: އުރީދޫ