ކޮރޯނާ ވައިރަސް ނައްތާލުމުގެ ގާބިލުކަން ހުރި ކަމަށް ބުނެ އޭސީއެއް ބަޔަކު ގަވައިދާ ހިލާފަށް އިޝްތިހާރުކުރަން ފަށައިފި އެވެ.

އިލެކްޓްރޯނިކް ސާމާނު އެތެރެކޮށް ވިއްކާ ރަންފައުން އިން ކޮރޯނާ ވައިރަސް ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ބުނެ އިޝްތިހާރުކުރަނީ ޕެނެސޮނިކް ބްރޭންޑްގެ އޭސީއެކެވެ.

މިކަން ވަނީ ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓާ(އެޗްއީއޯސީ) ގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.

މިފަދަ ހައްސާސް ކަމަކާ ގުޅުވައިގެން އެކި ކަހަލަ ޕްރޮޑަކްޓްތައް އިޝްތިހާރު ކުރެވޭނެތޯ ނޫސްވެރިން މިއަދު ވަނީ އެޗްއީއޯސީ ގުރޫޕުގައި ސުވާލު އުފައްދައިފަ އެވެ.

ރަންފައުން އިން ޖަހާފައިވާ އިސްތިހާރު

މިކަމާ ގުޅިގެން އެޗްއީއޯސީން ބުނީ އެފަދަ އިޝްތިހާރުތައް ހުއްދަ ހޯދުމަކާ ނުލައި ނުކުރެވޭނެ ކަމަށެވެ. އަދި އެ އެ ހުއްދަ މޯލްޑިވްސް ޑްރަގް އެންޑް ފުޑް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހޯދަން ވާނެ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

ވިއްކުމަށް އިޝްތިހާރުކޮށްފައިވާ އޭސީއަކީ ޕެނެސޮނިކް ބްރޭންޑްގެ ނެނޯ އެކްސް އެއާ ޕިއުރިފިކޭޝަން ހިމެނޭ އާ މޮޑެލްއެއްގެ އިންވާޓާ އޭސީއެކެވެ. ނަމަވެސް ކޮވިޑާ ގުޅުވައިގެން އިޝްތިހާރުކުރުމާ ގުޅިގެން އާންމުން ވެސް އަންނަނީ ފާޑުކިޔަމުންނެވެ.