އެސްޓީއޯއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 100 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

ފުޅާ ދާއިރާއެއްގައި ތެލާއި ގޭސް، ބޭހާއި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ ކުންފުނިން މިއަދު އާއްމުކުރި ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރެއިން 818.6 މިލިއަން ރުފިޔާއަކީ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ އެވެ. ތެލާ ގުޅުން ނެތް ވިޔަފާރިން 727 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ވިޔަފާރިކުރުމަށް ކުރި ހޭދައިން 1.2 ބިލިއަން ރުފިޔާ ކެނޑުމުން ޖުމްލަ ފައިދާގެ ގޮތުގައި 342.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯއިން މިދިޔަ ކުއާޓަރުގައި ވިޔަފާރީގެ ފައިދާއިން ޓެކްސްގެ ގޮތުގައި 19.4 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް އެ ކުންފުންޏަށް 104.9 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 114.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.