ވަގުތުން ވަގުތަށް ފައިސާ ފޮނުވޭ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ގާއިމުކުރަން އެމްއެމްއޭ އިން ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ ކިޔާ ކުންފުންޏަކާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މަރުކަޒީ ބޭންކުން ބުނިގޮތުގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކީ ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް އަސާސެވެ.

"ރާއްޖެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއްކަމުގައި ވީނަމަވެސް، މި ސިސްޓަމް ގާއިމްކުރެވިގެންދިޔުމާއިއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް ފަސޭހަކާމާއިއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ،" އެމްއެމްއޭ އިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ މިއީ ގައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއަކަށް ވާއިރު، މީގެ ސަބަބުން ރާއްޖޭގެ މާލީ މުއާމަލާތްތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިތުރު ފުރުސަތުތަކެއް މި ދާއިރާއިން ހުޅުވިގެންދާނެ ކަމަށެވެ. މިގޮތުން މިއަދު ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމަކީ ދުނިޔޭގައި ފައިނޭންޝަލް ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކާއި އެއްހަމައެއްގައި ދިވެހިރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް، އޭގެ ސަބަބުން ދިވެހިންނަށް އިތުރު ލުއިފަސޭހަ ތަކެއް ލިބުމުގެ މަގު ފަހިކޮށްދޭނެ އެއްބަސްވުމެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރަން އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު އަލީ ހާޝިމާއި އެމްއެމްއޭގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: އެމްއެމްއޭ

އެ އޮތޯރިޓީން ބުނީ އެ ސިސްޓަމް ގާއިމުކުރަން ހަވާލުކުރި ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މިހާރު ވެސް ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެއް ކަމަށެވެ. އެގޮތުން ސްވިޑަންގައި "ސްވިޝް"ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ގާއިމުކޮށް، ފިންލެންޑްގައި ފުރަތަމަ ގާއިމުކުރެވުނު ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމްވެސް ފޯރުކޮށްދީފައިވަނީ ޓިއޭޓޯއެވްރީއިން ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. މީގެ އިތުރުން، ޓިއޭޓޯ އެވްރީއިން ވަނީ ކެންޔާގައި ވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފާ ސޮލިއުޝަނެއް ގާއިމުކޮށްދީފައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މިއީ ރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކާއި އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫއު ހިންގުމަށް ޓިއޭޓޯއެވްރީ ފަދަ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކާއި ބައިވެރިވުމަކީ ލިބޭނެ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އެ ކުންފުންޏާއެކު ކުރެވޭ މަސައްކަތްތަކުގެ އެހީގައި، ދިވެހިންނަށް ޕޭމަންޓް ދާއިރާގައި މިހާރު ދިމާވާ ތަފާތު އެކި ގޮންޖެހުންތަކަަށް އެދެވޭ ހައްލެއް އަވަސް މުސްތަގުބަލެއްގައި ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޓިއޭޓޯއެވްރީއިން ފާހަގަކުރާ ގޮތުގައި މި ސިސްޓަމަކީ، ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ޕޭމަންޓް ދާއިރާއަށް އަންނަ ބަދަލުތަކާ އެއްހަމައެއްގައި ބަދަލުކޮށް، އިތުރަށް ފުޅާކުރުމުގެ ގާބިލުކަން ލިބިފައިވާ ގޮތަށް ފަރުމާކުރެވިފައިވާ ސިސްޓަމެކެވެ.

މި ހަފްލާގައި ވާހަކަފުޅު ދެއްކެވި އެ ކުންފުނީގެ ހެޑް އޮފް ޕޭމަންޓްސް، އިލްކާ ކޮރްކިއަކޮސްކީ ވިދާޅުވި ގޮތުގައި، އެމްއެމްއޭއާއެކު މި މަަޝްރޫއު ހިންގުމުގެ ފުރުސަތު ލިބުމަކީ އެކުންފުންޏަށް ލިބިގެންދިޔަ ފަޚުރެއް ކަމަށެވެ. އަދި މި ފަދަ އިންފްރާސްޓްރަކްޗާއެއްގެ ސަބަބުން ވަގުތުން ވަގުތަށް މާލީ މުއާމަލާތްތައް ހިންގުމަށް މަގުފަހިވުމާއިއެކު، އައު އީޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމުގައި ވެސް ފަސޭހަ މަގުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޕޭމަންޓް ނިޒާމު, ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ގައުމުތަކާއި އެއްހަމައެއްގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މުހިންމު މަސައްކަތްތަކެއް، މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވޭނެ ކަމަށް އެމްއެމްއޭއިން ގަބޫލުކުރެ އެވެ. އަދި 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި މި ސިސްޓަމްގެ ބޭނުން، ރާއްޖޭގައި ހިނގާ މުއާމަލާތްތަކަށް ބޭނުން ކުރަން ފެށޭނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.