ކްރޫސްލައިނާއި ޔޮޓުތައް ގެންނަން އޭޖެންޓުންގެ ކަންބޮޑުވުންތައް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އާ ހިއްސާކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ މަޔާގެ އިސް އޮފިޝަލުންނާއި އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓުން މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި، މާޔާގެ އިސް އޮފިޝަލުންނާ އެމްޕީއެލްގެ ފަރާތުން ބައްދަލުކުރީ ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އަދި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނެވެ.

ރާއްޖެއަށް ކްރޫޒް ލައިންތަކާއި ޔޮޓްތައް އެޖެންޓުން އެމްޕީއެލްއާ ބައްދަލުކުރަނީ. ފޮޓޯ: އެމްޕީއެލް

އެމްޕީއެލް އިން ބުނިގޮތުގައި މި ބައްދަލުވުމުގައި، މަޔާ އިން ރާއްޖެއަށް ކްރޫސްލައިނާތަކާއި ޔޮޓުތައް ގެންނަން އޭޖެންޓުންގެ ކަންބޮޑުވުންތަކާއި، މި ވަގުތު އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި އެމްޕީއެލް އިން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކާއި ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ހިދުމަތްތައް ރަނގަޅުކުރުމަށް އެކުލަވާލާފައިވާ ޕްލޭންތަކުގެ މައުލޫމާތުތައް މާޔާއާ ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ރާއްޖެ އަށް ކަނޑުމަގުން ޓޫރިސްޓުން ގެންނަ އުޅަނދު ފަހަރަށް ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވެސް ދެ ފަރާތުން މަޝްވަރާކުރި ކަމަށް އެމްޕީއެލް އިން ބުންޏެވެ.