އޭޝިއާ ބައްރުގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިވަޑައިގެންފި އެވެ.

މުޣުނީއަށް ލިބިވަޑައިގެންފައިވަނީ، އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ "އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021 "ގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް އެވޯޑެވެ. މިއީ މި އެވޯޑް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ސްޓެލްކޯ އިން ބުނީ މި އެވޯޑަކީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގް، އެއާ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕާސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުން ވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލްކޮށްފަ އެވެ.

މުޣުނީއަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ ފާއިތުވެދިޔަ ތިން އަހަރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި، އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، ކުރިއާ އަޅާބަލާއިރު، ތިން އަހަރުގެ ތެރޭ ކުންފުނި ކުރިއަރާފައިވާ ސްޕީޑާއި ގުޅިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން 2019ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ސްޓެލްކޯއަށް ލިބުމާއި، މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން" ގެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވެ އެވެ.

ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރެވި، ކޯޕަރޭޓް ގަވާނެންސްގެ ދާއިރާއިން ކުންފުނިން ހޯދާ ކުރިއެރުންތަކާއެކު، 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީއެމްޑީއޭ އިން ދޭ "ސީޖީ އެފޯޓްސް އެވޯޑް" ސްޓެލްކޯއަށް ލިބިފައިވެ އެވެ. އަދި ކުންފުނީގެ ކޯޕަރޭޓް ގަވަނެންސް ރަނގަޅު ކުރުމުގެ ގޮތުން، ދެފުށް ފެންނަ ސިޔާސަތުތަކެއް ކުންފުނީގެ އެތެރޭގައި ގާއިމްކޮށް، ބޯޑު ޑިރެކްޓަރުން ހިމެނޭގޮތަށް ކުންފުނީގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، މަސްލަހަތު ފުށޫއަރާ ފަދަ ކަންކަމުން އެކަހެރިވުމާއި، ކުންފުނީގެ އެތެރޭގައި ވިސްލްބްލޯވިން ނިޒާމެއް ގާއިމް ކުރުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ކޮވިޑުގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދެވުމާއި، މުވައްޒަފުންގެ ރައްކާތެރިކަމާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލްގުވާމީ މިންގަނޑެއް ކަމުގައިވާ އައިއެސްއޯ 9001:2015 އަށް ސެޓިފައިކުރުމާއި، ސްމާޓް މީޓަރާއި، ސްމާޓް ގްރިޑް ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ކުންފުނިން ބޭނުންކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފްލޯޓިންގ ސޯލާ ޕޮޑް ތައާރަފްކުރުމާއި، ގްރީންލައިފް އިނިޝިއޭޓިވް އިފްތިތާހުކޮށް، އޭގެ ދަށުން ކަސްޓަމަރުންނަށް ފަސޭހައިން ސޯލާޕެނަލްސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، މާލެއާއި ހުޅުމާލެއާއި ދެމެދު ބަސްމެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ވާރެއާއި އަވިން ރައްކާތެރިވެތިބެވޭނެ ގޮތަށް ރާއްޖޭގެ ފުރަތަމަ 100 އިންސައްތަ ސޯލާ ހަކަތަ ބޭނުންކުރާ ބަސް ސްޓޮޕް ހުޅުވުން ހިމެނޭ. މީގެ އިތުރުން ތެލަށް ބަރޯސާވާމިންވަރު ކުޑަ ކުރުމަށް މާލެއާއި، ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގައި ސޯލާ ޕެނަލް ހަރުކޮށް އެ ބޭނުން ކުރުން،" އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ކަސްޓަމަރުންނަށް އިތުބާރާއި ޔަގީންކަމާއެކު، ކޮލިޓީ ޖަނަރޭޓަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ޖަނަރޭޓަރުގެ ސްޕެއާ ގެނެސް "ސްޓެވޯ"ގެ ނަމުގައި ސްޓެލްކޯއިން އަމިއްލަ ބްރޭންޑެއްގެ ޖަނަރޭޓަރު އެސެމްބަލްކޮށް ރާއްޖޭގެ ބާޒާރަށް ނެރެން ފަށާފައިވާ ކަމަށެވެ. އަދި ތިމާވެއްޓަށް ގެއްލުންދޭ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ބޭނުންކުރުން މަނާކުރުމާއި، އެތަކެތީގެ ބަދަލުގައި ބޭނުން ކުރާނެ ފުޅިއާއި، ޓޯޓްބޭގް ފަދަ ތަކެތި މުވައްޒަފުންނަށް ފޯރުކޮށްދިނުން ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއަށް ވަނީ މީހުން ބިނާކުރުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއްކޮށް، އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑާއި، "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑްވެސް 2020 ވަނަ އަހަރު ސްޓެލްކޯއަށް ވަނީ ލިބިފައި އެވެ. މީގެ އިތުރުން، އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދެމުން ގެންދާ ހިދުމަތްތަކާއި، އަންހެނުން ބާރުވެރިކުރުވައި، ކަރަންޓުގެ ދާއިރާއަށް އަންހެނުން ނިކުތުމަށް ހިތްވަރުދީ، ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ އިތުރުން، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ސްޓެލްކޯއިން ފަހިކޮށްދީފައިވާ ފުރުސަތުތައް.މި އެވޯޑް ލިބުމާއި ގުޅިގެން މުޣުނީ ވިދާޅުވީ، ރަނގަޅު ލީޑަރަކަށްވެވޭނީ މަސައްކަތުގެ މާހައުލުގައި، ތަފާތުދައްކާ، ގަދަ ހިތްވަރާއެއްކޮށް މަސައްކަތްކޮށް، އިލްމާއި، ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯދައިގެން ކަމަށެވެ.

"ލީޑަރެއްގެ އެންމެ މުހިއްމު އެއް ސިފަޔަކީ އެހެން މީހެއްގެ ކިބައިގައި ހުންނަ ގާބިލިއްޔަތުކަން ދެނެގަނެ، އެފަދަ ހާއްސަ ސިފަތައް ބޭނުންކުރަން އެމީހަކަށް ދަސްކޮށްދީ އެދާއިރާއަކުން އެ މީހަކު ބާރުވެރިކުރުވާ މީހާ" މުޣުނީ ވިދާޅުވި. އޭޝިއާސް މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް މުޣުނީއަށް ލިބިވަޑައިގެންފައިވާއިރު، މީގެ ކުރިން މުޣުނީއަށް ވަނީ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ 'އެގްޒެމްޕްލަރީ ލީޑާ އޮފް ދި އިޔާ' އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ 'އިމާޖިން ލީޑާ އޮފް ދި އިޔާ'ގެ އެވޯޑް ވެސް ލިބިވަޑައިގެންފައިވެ އެވެ.