ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް މާކެޓު، ރަޝިއާގެ ޓޫރިސްޓުން ރާއްޖެއަށް ދަތުރުކުރުމަށް އެ ގައުމުން މިއަދު ހުއްދަ ދީފި އެވެ.

ރަޝިއާގެ ބޮޑުވަޒީރު މިޚާއިލް މިޝުސްޓިން ދަތުރުކުރަން މިއަދު ހުއްދަ ދިން ލިސްޓްގައި ހިމެނެނީ އެންމެ ތިން ގައުމެވެ. އެއީ ރާއްޖޭގެ އިތުރުން މިސްރު އާއި ޔޫއޭއީ އެވެ.

ރާއްޖެ އާއި ޔޫއޭއީގެ ދުބާއީއަށް ހަފުތާއަކު ދެ ފްލައިޓް އޮޕަރޭޓްކުރަން ހުއްދަ ދިންއިރު، މިސްރުގެ ގާހިރާއަށް ހަފުތާއަކު ތިން ފްލައިޓް އޮޕަރޭޓްކުރަން ހުއްދަ ދީފައިވެ އެވެ.

ރަޝިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އެ ހުއްދަ ދިނީ އެންޓި ކޮރޯނާ ވައިރަސް ސެންޓަރުގެ ލަފާގެ މަތިން ކަމަށެވެ. އެގޮތުން ފާއިތުވި 14 ދުވަހު ކޮންމެ 100،000 މީހުންގެ އާބާދީއަކުން ބަލި ޖެހިގެން ފެނިފައި ވަނީ 40 މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮވިޑް-19އަށް އެންމެ ފުރަތަމަ ވެކްސިން ބޭނުންކުރަން ފެށި ގައުމުން ބޯޑަރު ބަންދުކުރީ މިދިޔަ މާޗް މަހުން ފެށިގެންނެވެ.

ރާއްޖެއަށް މިވަގުތު ޔޫރަޕްގެ އެއްވެސް ގައުމަކުން ޓޫރިސްޓުން ދަތުރެއް ނުކުރެ އެވެ. ރަޝިއާއަކީ ރާއްޖެއަށް ޓޫރިސްޓުން އަންނަ އެންމެ ވަރުގަދަ ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު އަލުން ހުޅުވިތާ ދޮޅު މަސް ދުވަސްތެރޭ ރާއްޖެ އައީ 9،329 ޓޫރިސްޓުންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ން ލަފާކުރާ ގޮތުން އަންނަ މަހުގެ ނިޔަލަށް ރާއްޖޭގެ 94 ޕަސެންޓް ރިސޯޓު އަލުން ހުޅުވާނެ އެވެ. އެއީ 156 ރިސޯޓުގެ ތެރެއިން 146 ރިސޯޓެވެ.