ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވޯޓާ ރަންވޭއަށް ގެނައި ބަދަލާއެކު، ސީޕްލޭންތައް ހުޅުމާލެ މަތިން ހުދުހުން ހުއްޓާލައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ހުޅުމާލޭގެ މަތިން ސީޕްލޭންތައް އުދުހުން ވީހާ ވެސް މަދުކުރަން އެއިރޯޑްރޮމް ނޯޓިސްއެއް ނެރެފައިވާ ކަމަށެވެ.

"ވީއައިއޭގެ މާސްޓާ ޕްލޭންގައިވާ ގޮތުން ހުޅުމާލެ މަތިން ސީޕްލޭންތައް އުދުހުން މަދުކުރަން ވޯޓާ ރަންވޭއަށް މިބަދަލުތައް ގެނައީ. އެގޮތުން ކުރިން ހުޅުމާލެއަށް ދަތުރުކުރަން ހުޅުލޭ ތެރެއިން ހަދާފައި އޮތް މަގު ނަގައި ވޯޓާ ރަންވޭ ބޮޑުކުރީ،" އޭނާ ވިދާޅުވި އެވެ.

އަލަށް ގެނައި ބަދަލާއެކު ސީޕްލޭންތައް އުދުހޭނީ ހުޅުމާލޭގެ ފަޅުމަތިންނެވެ. އަދި އެ ބަދަލު ގެނައިއިރު އެތަނުގައި މިހާރު ހަތަރު ވޯޓާ ރަންވޭއެއް އޮންނާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯޓާ ރަންވޭއަށް ގެނައި ބަދަލުތައް ފެންނަ ޗާޓެއް. އެތަނުގައި މިހާރު ހަތަރު ރަންވޭއެއް ބޭނުންކުރާނެ.

"މިހާރު މިގެނައި ބަދަލާއެކު ވަރަށް މަދު ހާލަތެއްގައި ނޫނީ ހުޅުމާލޭގެ މަތިން ސީޕްލޭނެއް ޖައްސަން ނުދާނެ. މި ބަދަލު ގެނައުމަކީ ވަރަށް ކުރިން ވެސް ނިންމާފައި އޮތް ނިންމުމެއް،" އެ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުލޭގައި އޮންނަ ވޯޓާއަކީ ދުނިޔޭގެ އެންމެ ބިޒީ ވޯޓާ ރަންވޭ އެވެ. އެ ރަންވޭ މިހާރު ބޭނުންކުރަނީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މޯލްޑިވިއަން އަދި މަންޓާ އެއާ އެވެ.

ހުޅުމާލެ މަތިން ސީޕްލޭންތައް ދަތުރުކުރުމަކީ ގިނަ ބަޔަކު ޝަކުވާކުރާ އަދި އެތައް ބައެއް ކަންބޮޑުވުން ވެސް އެކުލެވޭ މައްސަލައެކެވެ.