ސްރީލަންކާގައި އަލަށް އުފެއްދި ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފި އެވެ.

މި އެއާލައިންގެ ދަތުރުތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އަވަށްޓެރި ގައުމުތަކަށެވެ. އޭގެ ތެރޭގައި އިންޑިއާއި މެލޭޝިއާގެ އިތުރުން އިންޑޮނޭޝިއާ އާއި މިޔަންމާ އަދި ދުބާއީ ހިމެނެ އެވެ.

މި ދަތުރުތަކަށް އެ އެއާލައިނުން ބޭނުންކުރުމަށް ނިންމާފައިވަނީ ބޮއިން 737 މަރުކާގެ 160 އާއި 190 އާ ދެމެދުގެ އަދަދަކަށް މީހުން އުފުލޭ މަތިންދާބޯޓުތަކެވެ.

ލަންކާގެ ނޫސްތަކަށް އެ ކުންފުނީގެ ސީއީއޯ ޑރ. އަރޯޝާ ފެނާންޑޯ ވަނީ މި އެއާލައިނުން ކުރާ ދަތުރުތަކުގެ އަގު ހެޔޮވާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ ކާގޯގެ މާކެޓުގައި ވާދަވެރިކަން އިތުރު ކުރުމަށާއި، ހިދުމަތް ރަނގަޅުކުރުމުގެ މަގުސަދުގައި މުޅިން އަލަށް ފެށި އެއާލައިނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްލައި ލަންކަންގެ ދަތުރުތައް އޭޝިއާގެ ގައުމުތަކަށް ކުރުމަށް ހަމަޖެހިފައިވާއިރު، އެ އެއާލައިނުން ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭ ދަތުރުތަކަށް ފަހުގައި ސައުދީ އަރަބިއްޔާއަށް ވެސް ހާއްސަ ދަތުރުތަކެއް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިއީ ލަންކާ ސަރުކާރުން ބައިނަލްއަގްވާމީ ދަތުރުކުރުމަށް ހުއްދަ ދޭ ތިންވަނަ އެއާލައިނެވެ.