ސްވިޓްޒަލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

ރައީސް ސޯލިހު މިދައުވަތު ދެއްވީ ސްވިޓްޒަލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޮމިނިކް ފާގްލާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިބައްދަލުވުމުގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރާއްޖެއާއި ސްވިޓްޒަލޭންޑާ ދެމެދު ވިޔަފާރިއާ އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ވަރަށްބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.

ރާއްޖޭގެ ތަރައްގީއާ ކުރިއެރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ރާއްޖޭގެ ފަތުރުވެރިކަން ވިލާތުގެ ގައުމުތަކަށް އިތުރަށް ފުޅާކުރުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ދިވެހި ދަރިވަރުންނަށް ވިލާތުގެ ގައުމުތަކުން މަތީ ތަޢުލީމުގެ ސްކޮލާޝިޕް ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ޝައުގުވެރިވާކަމުގައި ވިދާޅުވެފަ އެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.

ސްވިޓްޒަލޭންޑުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސްވިޓްޒަލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖެއާ ގުޅިގެން މަސައްކަތްކުމުގެ ސައުގުވެރިކަން ފާޅުކުރެއްވި އެވެ. އަދި ރާއްޖެއަކީ ސްވިޓްޒަލެންޑުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްކަން ފާހަގަކުރައްވައި ރާއްޖެއާ އެ ގައުމާ ދެމެދު ސިދާ ވައިގެ ދަތުރުތައް ވަރަށް އަވަހަށް އަލުން ފަށާނެކަމުގައިވެސް ސަފީރު ވިދާޅުވި އެވެ. މީގެ އިތުރުން ވިލާތުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަސްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު ވަނީ ސްވިޓްޒަލޭންޑުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި މައުލޫތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމާއި ލާމަރުކަޒުކުރުމާއި ކޮވިޑް މެނޭޖުކުރުމާއި ފަތުރުވެރިކަން ފަދަ މައުލޫތައް ހިމެނެ އެވެ.