ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖެއިން އެނބުރިދާ މީހުން އައިސޮލޭޝަނަށް ދާން ނުޖެހޭ ގޮތަކަށް ސުވިޓްޒަލެންޑުން ހަމަޖައްސައިފި އެވެ.

ސްވިޓްޒަލޭންޑުގެ ފެޑްރަލް އޮފީސް އޮފް ޕަބްލިކް ހެލްތުން އެންމެ ފަހުން ނެރެފައިވާ"ރިސްކު ކަންޓްރީސް ލިސްޓު"ން ރާއްޖޭގެ ނަން ވަނީ އުނިކޮށްފަ އެވެ. މީގެކުރިން ރާއްޖެއިން ދަތުރުކުރާ މީހުން ދިހަ ދުވަހު ކަރަންޓީނުގައި ހުންނަން ޖެހެ އެވެ.

ރާއްޖެއަކީ ރައްކާތެރި މަންޒިލެއް ކަމަށް އެ ގައުމުން ކަނޑައެޅިއިރު، އެ ގައުމުގެ އެޑެލްވެއިސް އެއާލައިނުން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ސީދާ ދަތުރުތައް ވެސް ފަށައިފަ އެވެ.

އެޑެލްވެއިސް އިން އަންނަނީ ހަފުތާއަކު ދެ ދަތުރު ރާއްޖެއަށް ކުރަމުންނެވެ.

ސްވިޒަރލޭންޑަކީ ރާއްޖެއަށް 13 ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން ރާއްޖެއަށް 33،829 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 2018ވަނަ އަހަރާ އަޅާ ބަލާއިރު 2.6 ޕަސެންޓް އިތުރު އަދަދެކެވެ.

ސުވިޓްޒަލެންޑްގެ އިތުރުން އިނގިރޭސިވިލާތުން ވެސް ވަނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެއާއެކު އެ ގައުމަށް އެނބުރި ދާ މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރާކަށް ނުޖެހެ އެވެ.