ސަރުކާރުގެ އެއްވެސް މަސައްކަތެއް ކުރުމުގައި ދެ ކުންފުންޏަކަށް ބައިވެރި ނުވެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ އެ ދެ ކުންފުންޏަކަށް ހަވާލު ކުރެވުނު މަސައްކަތްތައް ނުނިމުމުން، އެ ދެ ކުންފުންޏަށް ސަރުކާރުގެ އެއްވެސް މަސައްކަތަކަށް މީގެ ފަހުން ބިޑް ނުކުރެވޭނެ ކަމަށެވެ. މިގޮތުން ބައިވެރިނުވެވޭނެ ކަމަށް ނިންމީ އެނާޖީ މެނޭޖްމެންޓް ސިސްޓަމްސް އާއި އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަށެވެ.

ސަރުކާރުން ވަނީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު އަޅަން ހަވާލުކޮށްފަ އެވެ. ނަމަވެސް އެ މަސައްކަތް ނުކުރުމާއި ގުޅިގެން ސަރުކާރުން ވަނީ އެ ކުންފުނި 23 ނޮވެމްބަރުން ފެށިގެން އަންނަ އަހަރުގެ 22 ނޮވެމްބަރާއި ހަމައަށް ސަސްޕެންޑު ކޮށްފަ އެވެ.

އޭގެ އިތުރުން އއ. މަތިވެރި، އއ. ބޮޑުފުޅަދޫ އަދި އއ. މާޅޮހަށް ވޭސްޓް މެނޭޖްމެންޓް މެޝިނަރީސް ސަޕްލައިކޮށްދިނުމަށް ސަރުކާރުން އެނާޖީ މެނޭޖްމެންޓް ސިސްޓަމްސް އާއި ހަވާލުކޮށްފައިވީ ނަމަވެސް އެ މަސައްކަތް ނުކުރުމުން ނޮވެމްބަރު 23 އިން ފެށިގެން އަންނަ އަހަރުގެ މޭއި 21 އާ ހަމައަށް އެ ކުންފުނި ވަނީ ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ބިޑުކުރުން މަނާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ދެ ކުންފުންޏަށް ސަރުކާރުން ކުރާ އެއްވެސް މަސައްކަތެއްގައި ބިޑުކުރުން މަނާވާނެ ކަމަށެވެ. އޭގެ އިތުރުން ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއްގައި ވެސް އެ ދެ ކުންފުންޏަށް އެވޯޑް ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަރުކާރުން މި ދެ ކުންފުންޏަށް ފިޔަވަޅު އަޅާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުންނެވެ.