ވިލާ ގްރޫޕްގެ ކުންފުނިތަކުން، ކޮރަޕަޝަންގެ އަމަލު ހިންގައި މަނީ ލޯންޑާކުރާ ކަމަށް ބުނެ ފަތުރަނީ އެއްވެސް އަސްލެއް ނެތް، ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ވިޔަފާރި އެކުންފުނިން މިހެން ބުނެފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ވިލާ ހަކަތަ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ކޮރަޕްޝަނުގެ އަމަލު ހިންގައި، އެ އަމަލުގެ ތެރެއިން ލިބޭ ފައިސާ ވިލާ ގްރޫޕްގެ އެކި ވިޔަފާރިތަކަށް ބޭނުންކޮށް މަނީ ލޯންޑާ ކުރަމުންދާ ކަމަށް ތުހުމަތުކޮށް ނޫސްތަކުން ލިޔަމުންދާ ޚަބަރުތަކާ ގުޅިގެން މިއަދު ނެރުނު ބަޔާނުގަ އެވެ.

މީގެ 35 އަހަރުކުރިން ވިލާ ކުންފުނި އުފެއްދެވި ހިސާބުން ފެށިގެން ގާސިމް އިބްރާހީމް ތެލުގެ ވިޔަފާރި ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ، ބަޔާނުގައި ބުނެފައި ވަނީ ތެލާއި، ގޭހާއި ސިމެންތި އާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި އާންމު މުދަލުގެ ހޯލް ސޭލް އަދި ރީޓެއިލް ކުރުމުގެ ވިޔަފާރިއަކީ ޓޫރިސްޓް ރިޒޯޓްތައް ހިންގަން ފެށުމުގެ ކުރީއްސުރެ ވިލާ ގްރޫޕުން ކުރަމުން އައި ވިޔަފާރިއެއް ކަމަށެވެ. އަދި، ވިލާ ގްރޫޕްގެ ކުންފުނިތަކުން އަބަދުވެސް ވިޔަފާރި ކުރަނީ ގާނޫނާއި ގަވާއިދުތަކާ ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ބައިނަލްއަގްވާމީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ވިލާ ގްރޫޕްގެ ކުންފުނިތަކުން ކުރާ ހުރިހާ ފައިސާގެ މުއާމަލާތްތަކަކީ ބޭންކިން ސިސްޓަމްގެ ތެރެއިން ގަވާއިދުން ކުރަމުން އަންނަ މުއާމަލާތްތަކެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެގޮތުން، އެ ކުންފުނިން ކޮށްފައިވާ އެންމެހާ މުއާމަލާތްތައް ކަމާބެހޭ އިދާރާތަކުގައި ފެންނަން ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ވިލާގެ ޗެއާމަން ގާސިމް ސިޔާސީ ގޮތުން ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އެމަނިކުފަނުގެ އަގު ވައްޓާލުމުގެ ގޮތުން، ސިޓީއެއްގައި ހުރި ވާހަކަތަކެއް ކަމަށް ބުނެ އެފަދަ ހަގީގަތާ ޚިލާފު ވާހަކަ ފަތުރާ ވިލާ ގްރޫޕްގެ ވިޔަފާރިތަކަށް ހުރަސް އަޅާ ގެއްލުން ދިނުމުގެ ނުބައި ނިޔަތުގައި ކުރާ އެފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރާ ކަމަށެވެ.

ވިޔަފާރި ކުރުމަށް ބޭނުންވަނީ މަސައްކަތާއި، ހިތްވަރާއި މައުލޫމާތާއި މޮޅު ވިސްނުން ކަމަށާއި، ހަގީގަތާ ޚިލާފު ވާހަކަ ފަތުރައި އެހެން ވިޔަފާރިތަކަށް ހުރަސްއެޅުން ނޫން ކަމަށް ވެސް އެކުންފުނިން ބުނެފަ އެވެ. އަދި، އެ ކުންފުނީގެ ވެރިންނާއި މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ އެންމެހައި މަސައްކަތެއް އެ ގްރޫޕްގެ ކުންފުނިތަކުން ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތައް ވުރެ ބޮޑު ހިޔާނާތެއް ހިންގަވާކަމަށް ބުނެ "ދިޔަރެސް" ނޫޙުން ވަނީ ވިލާ ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން، ވިލާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް އަމިއްލަ ކަންކަމަށް ލޯންޑާކޮށްފައިވާ ކަމަށް ބުނާ ފައިސާ ބޭނުންކުރައްވާ ކަމަށާއި، އެކަންކަން ވިލާގެ ޗެއާމަން ގާސިމަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ދާދިފަހުން "ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާދު ވިދާޅުވީ ވިލާ ހަކަތައިން ކުރާ ތެލުގެ ވިޔަފާރީގެ ތެރެއިން މަނީލޯންޑާކުރާ ކަމަށް ތުހުމަތުކޮށް ބަޔަކު ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަމާއެކު ބުނަން ކެރޭ ވިލާ ހަކަތައިން މަނީލޯންޑްރިންގެ އެއްވެސް ހަރަކާތެއް ހިނގާފައެއް ނުވާނެ. އަޅުގަނޑުމެން މި ވިޔަފާރިކުރަނީ ވަރަށް ޓްރާންސްޕޭރަންޓްކޮށް، ހަމަޖެހިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން،" ގާސިމްގެ ދަރިކަލުން ވިދާޅުވި އެވެ.