ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މެންޑޭޓް ކަނޑައަޅާފައިވާ ކުންފުނިތައް ފިޔަވައި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމެޓީން ފާސްކޮށްފި އެވެ.

އެ ކޮމިޓީގެ މި އަހަރުގެ 56 ވަނަ ބައްދަލުވުމުގައި ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅޭ މައްސަލަ ދިރާސާކުރުމަށްފަހު އެވެ.

އެސްއޯއީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓުގައި އެ ކޮމެޓީއަށް ފާހަގަކުރެވުނު ގިނަ ކަންތައްތަކަކާއި، ކޮމެޓީގެ ނިންމުންތަކާއި ހުށަހެޅުންތައް ހިމަނާފައިވެ އެވެ. ކޮމެޓީން މި ރިޕޯޓް އެކުލަވާލާފައި ވަނީ އެ މަސައްކަތް ހަވާލުކުރި ސަރުކާރު ކުންފުނިތަކާއި، ޕްލޭނިން މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވެރިން ހާޒިރުކޮށްގެން ކަމާގުޅޭ މައުލޫމާތު އޮޅުން ފިލުވައި، މަސައްކަތް ފަށާފައިވާ ސައިޓުތަކަށް ވެސް ކޮމެޓީގެ މެމްބަރުން ޒިޔާރަތް ކުރެއްވުމަށްފަހު އެވެ.

އެގޮތުން އެ ކުންފުންޏެއް އުފައްދާފައި އޮތް މަގުސާދާ އެއްގޮތަށް މަސައްކަތްތައް ކުރުމުގެ ބަދަލުގައި މުޅިން އެހެން ކަމަކަށް ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި ފައިސާ ޚަރަދުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މަސައްކަތްކުރުމުން ކުންފުނީގެ ކޭޝްފްލޯ ތާށިވެ، ކުންފުނީގެ މެންޑޭޓުގައި ހިމެނޭ ގިނަ މަސައްކަތްތައް ނުކުރެވި، ކުންފުނީގެ ހިންގުމަށް ހުރަސްއެޅޭކަން ކޮމިޓީން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ކުރިއަށް އޮތްތަނުގައި މިފަދަ އެއްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ހަވާލު ނުކުރުމަށާއި، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވަނީ އަދި ރައްޔިތުންނަށް އޭގެ މަންފާއާއި ލާބަ އެންމެ އެދެވޭ ގޮތެއްގައި ލިބޭނީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުން އެ މަސައްކަތް ކުރިޔަށް ގެންދިއުމުން ކަމަށް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ހައުސިން މަޝްރޫއުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމުމަށްފަހު، އެ ހައުސިން މަޝްރޫއުތައް މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ދުރު މުސްތަގުބަލަށް ވިސްނާއިރު ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މެންޑޭޓް ކަނޑައަޅާފައިވާ ކުންފުނިތައް ފިޔަވައި އެހެން ސަރުކާރު ހިއްސާވާ ކުންފުނިތަކަކަށް މިފަދަ މަސްއޫލިއްޔަތެއް އަދާނުކުރެވޭނެ ކަމަށް ވެސް ނިންމާފައިވެ އެވެ.

އެ ރިޕޯޓުގައި ހައުސިން ޕްރޮޖެކްޓް ފަދަ ކުންފުނިތަކުގެ ޕްރައިމަރީ ފަންކްޝަންގައި ނުހިމެނޭ ދާއިރާތަކަށް ލޯނު ނަގަންޖެހުމަކީ، ކުންފުނިތަކުގެ މާލީ ހާލަތަށް އަސަރު ފޯރައި، ދަރަނި ބޮޑުވެ، މުސްތަގުބަލުގައި ކުންފުނީގެ ލިކުއިޑިޓީ ރޭޝިއޯއަށް އަސަރު ފޯރައި، ކުންފުނީގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސް ހޯދުމަށް އެޅޭ ހުރަހެއް ކަމަށް ފާހަގަކުރެވޭތީ، ހައުސިން މަޝްރޫއުތަކަށް ނަގާ ލޯނުތަކުގެ ސަބަބުން ކުންފުނިތަކުގެ ކޭޝް ފްލޯއާއި، ކުންފުނީގެ މާލީ ހާލަތައް އަންނަ ދަތިތައް ދެނެގަނެ، އެކަށީގެންވާ ގޮތެއްގައި ކުންފުނިތަކުގެ ފައިނޭންސް މެނޭޖުކުރުމަށް ކުންފުނިތަކަށް އެންގުމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ކޮމެޓީ ރިޕޯޓުގައި ފްލެޓްތަކުގެ ހަގީގީ މަންފާއެއް މުވައްޒަފުންނަށް ހޯދައިދިނުމަށާއި، ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ފްލެޓްތައް ލިބިދިނުމަށް، އެ ފަރާތްތަކުން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ ނުވަތަ ފައިނޭންސް ކުރާނެ ވިހާ ވެސް ލުއިގޮތްތަކެއް ހޯދައިދިނުމަށާއި، އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މިހާރު މަސައްކަތް ނުނިމޭ ހައުސިން މަޝްރޫއުތަކުގައި ހުރި މައްސަލަތައް ދެނެގަނެ، އެ ކަންތައްތައް ހައްލުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭ ގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްތައް އެޅުމަށް އެޗްޑީސީން 15 ފަރާތަކަށް ބިންދޫކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އޭގެ ތެރެއިން މަސައްކަތް ކުރިއަށް ދަނީ އެންމެ ހަ މަޝްރޫއުއެއްކަން ކޮމެޓީން ފާހަގަކޮށްފައިވެ އެވެ.

އެހެންވެ މަސައްކަތް ކުރިއަށް ނުދާ މަޝްރޫއުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުމަށް އެޗްޑީސީއަށް އެންގުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ކުންފުނީގެ މުވައްޒަފުންނަށް ދޫކުރުމަށްފަހު ބާކީވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މިންގަނޑަށް ފެތޭ ފްލެޓްތައް ސަރުކާރަށް ނެގުމަށްފަހު، ބާކީވާ ފްލެޓްތައް މާކެޓުގައި ވިއްކުމަށް ވެސް ކޮމެޓީ ރިޕޯޓުގައި ހުށަހަޅާފައިވެ އެވެ.