މި މަހު 1،000 ޑޮލަރުން މަތިން ސާވިސް ޗާޖު 8 ރިސޯޓަކުން ދީފި އެވެ.

"ރިސޯޓު ވޯކާސް މޯލްޑިވްސް" ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ގޮތުން، މިދިޔަ މަހު 8 ރިސޯޓަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑުކޮށް ސާވިސް ޗާޖު ބަހައިފަ އެވެ. މީގެ ތެރެއިން ނޯޓިލަސް މޯލްޑިވްސްއަކީ އެންމެ ބޮޑު ސާވިސް ޗާޖެއް ބެހި ރިސޯޓެވެ. އެގޮތުން އެ ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1،668 ޑޮލަރު ވަނީ ދީފަ އެވެ.

އެ ޕޭޖުން އާންމުކުރި ލިސްޓުން ދެ ވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ހުރަވެޅި އެންޑް ކުޑަދޫ އިން ނެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖު ގޮތުގައި މީހަކަށް 1،611.80 ޑޮލަރު ދީފަ އެވެ.

ތިން ވަނަ އަށް އެންމެ ގިނަ އިން ސާވިސް ޗާޖެއް ދީފައިވަނީ ވާލްޑޮޕް އެސްޓޯރިއާ މޯލްޑިވްސް އެވެ. އެގޮތުން އެ ރިސޯޓުން ސާވިސް ޗާޖެއްގެ ގޮތުގައި 1،589 ޑޮލަރު ކޮންމެ މުވައްޒަފަކަށް ވަނީ ދީފަ އެވެ. ހަތަރު ވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ފޯ ސީޒަން ރިސޯޓް މޯލްޑިވްސް އެވެ. އެ ރިސޯޓްގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1،204.56 ޑޮލަރު ދީފައިވެ އެވެ.

ފަސް ވަނާގައި އޮތް ވަން އެންޑް އޮންލީ ރިސޯޓުން 1،191 ޑޮލަރު ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވާއިރު ހަ ވަނާގައި އޮތީ ވައްކަރު މޯލްޑިވްސް އެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 1،175.65 ޑޮލަރު އެވެ.

ހަތް ވަނާގައި އަނަންތަރާ ކިހާވަތް މޯލްޑިވްސް އޮތްއިރު އަށް ވަނާގައި އޮތީ އަންގްސާނާ ވެލާވަރު ރިސޯޓް އެވެ. އަނަންތަރާއިން 1،040.33 ޑޮލަރު ބަހާފައިވާއިރު އަންގްސާނާ އިން 1،020.50 ޑޮލަރު ވަނީ ބަހާފަ އެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.