ހިޔާ ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވަނީ އެ ފްލެޓްތައް ހެދި ކޮންޓްރެކްޓަރު އަމިއްލަ މީޓަރުތަކުގެ ސަބަބުން ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ޝާހު މިހެން ވިދާޅުވީ މިއަދު ހިޔާ ފްލެޓް ސަރަހައްދުގައި ހިޔާ ފްލެޓްތަކުގެ ފެން ބިލު ބޮޑުވާ މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އެވެ.

ހިޔާ ފްލެޓް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން (އެސްސީއީ) އެވެ.

ހިޔާ ފްލެޓް ފެން ބިލް ބޮޑުވުމާއި ގުޅިގެން އެފްލެޓްތަކުގައި އުޅޭ ރައްޔިތުން ވަނީ ޝަކުވާ ކޮށްފަ އެވެ. މިކަމާއި ގުޅިގެން މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ އެމްޑީ ޝާހު ވިދާޅުވީ ހިޔާ ފްލެޓުގައި މީޓަރު އަޅުވާފައި ހުރި އިރު، އިމާރާތްކުރި ކޮންޓްރެކްޓަރުން އެތަނުގައި އަޅުވާފައި ހުރީ އެމްޑަބްލިޔުއެސްސީ އިން ބޭނުންކުރާ ކަހަލަ މީޓަރެއް ނޫންކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީގެ މީޓަރު ނޫންވީމާ، ސައްހަ ރީޑިންއެއް ނެގިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

އަދި ކޮންޓްރެކްޓަރު އަޅުވާފައި ހުރި ފޯލްޓީ މީޓަރު އަދި މީޓަރުތަކުގައި ކޮމަން ސީރިއަލް ނަންބަރު ހުރުމުގެ ސަބަބުން، އެމްޑަބްލިޔުއެސްސީ ގެ ޑޭޓާބޭސްއަށް އެޅުމުގައި ދަތިތަކެއް ދިމާވާކަމަށް، މީޑިޔާ ބްރީފިންގައި ޝާހު ވިދާޅުވި އެވެ. އަދި މިގޮތަށް ހުރި އެތައް މައްސަލައެއް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ފަހު، 3500 އާއި 4000 މީޓަރާ ދޭތެރޭގެ އަދަދަކަށް ސައްހަ މީޓަރު ހުރިކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

"އެމްޑަބްލިއުއެސްސީގެ މީޓަރު ނޫންވީމަކާ އަޅުގަނޑުމެންނަށް ޔަގީންކަމެއް ނުދެވޭ އެ މީޓަރުގެ ރީޑިން އަކީ ސީދާ އަޅުގަނޑުމެން އިތުބާރުކުރާ ވަރުގެ ސައްހަ އެއްޗެއް ކަމެއް. މީގަ ހައްލު ނުވެގެން އުޅޭ މައްސަލައަކީ ފޯލްޓީ މީޓަރުތަކާއި ބައެއް މީތަރުތަކުގައި ކޮމަން ސީރިއަލް ނަންބަރެއް ހުރެގެން އަޅުގަނޑުމެންގެ ޑޭޓާބޭސްއަކަށް އެންޓާ ކުރެވެން ނެތުން،" ޝާހު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓްތައް

މީގެ އިތުރުން ޝާހު ވިދާޅުވީ ހިޔާ ފުލެޓަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެޗްޑީސީއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ހިޔާ ފްލެޓް އެޅި ކުންފުނިން މިކަމުގައި އެއްބާރުލުން ނުދޭ ނަމަ، އެމްޑަބްލިޔުއެސްސީއިން އަމިއްލަ ހަރަދުގައިވެސް ފެން މީޓަރު ބައްދަލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކޮންޓްރެކްޓަރުގެ އެއްބާރުލުން ނުލިބުނު ކަމުގައި ވިޔަސް، އެމްޑަބްލިޔުއެސްސީ އިން ބޭނުންވަނި ކުންފުނީގެ ޚަރަދުގައި ނަމަވެސް، ހިޔާ ގެ ޓެނަންޓުންނަށް ހައްލެއް ހޯދައިދިނުން. ފޯލްޓީ މީޓަރުގެ މައްސަލަތައް ހައްލު ނުކުރެވޭނަމަ، އައު މީޓަރ އެޅުވުމުގެ މަސައްކަތްތައް އެމްޑަބްލިޔުއެސްސީ ގެ ހަރަދުގައި ކުރިއަށް ގެންދާނެކަމަށް ދަންނަވައި އެޗްޑީސީއަށް މިހާރުވެސް އެމްޑަބްލިޔުއެސްސީ އިން ސިޓީ ފޮނުވާފައި،" ޝާހު ވިދާޅުވި އެވެ.

ހިޔާ ފްލެޓް ފެން ކަނެކްޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ފްލެޓްތަކުގައި ހުރި އެޕާޓްމަންޓްތަކަށް ފެނުގެ ކަނެކްޝަން ގުޅާފައިވާ ގޮތުން އެމަރާމާތު ކުރުމަށްވެސް ގޮށްޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ. އެޕާޓުމަންޓުގައި މެއިންޓެނަންސް ކުރަން ބޭނުންވެއްޖެ ހިނދެއްގައި މުޅި ފްލޯ އިން ފެން ކަނޑާލައިގެން ނޫނީ އެމަސައްކަތްވެސް ކުރިއަށް ނުގެންދެވޭނެ ފަދަ ގޮތަކަށް މަސައްކަތް ކޮށްފައިވާކަންވެސް ޝާހު ފާހަގަ ކުރެއްވި އެވެ.

ހިޔާ ޓަވަރުތަކުގެ ވަކި ފްލެޓުތަކުގައި ކޮންޓްރެކްޓަރުގެ ފެން މީޓަރުތައް ބަހައްޓާފައި ހުރި ނަމަވެސް އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ބަލްކް މީޓަރެއް އެ ސަރަހައްދުގައި ބަހައްޓާފަ އެވެ. މި މީޓަރުން ދައްކާ ގޮތުގައި ފާއިތުވި ތިން މަސް ދުވަހު 13 މިލިއަން ރުފިޔާގެ ފެން، ހިޔާ ފްލެޓުތަކަށް ވަނީ ދޫކޮށްފަ އެވެ.