ސްޓެލްކޯއިން މާލެއަށް ކަރަންޓުން ދޭ އިންޖީނުގޭގެ ދުންހޮޅިތައް އުސްކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަން ހަމަޖައްސައިފި އެވެ.

ސްޓެލްކޯ އިންޖީނުތަކުން އަރާ ދުމުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އިންޖީނުގޭގެ ދުންހޮޅިތައް އުސްކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިިދިޔަ މަހު އެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ރޭ ވިދާޅުވީ ސްޓެލްކޯގެ އިންޖީނުގޭގެ ދުން ހޮޅިތަކުން އަރާ ދުމާއި ވަހުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވުމަކީ އަލަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ މީގެ އެތައް އަހަރުތަކެއް ކުރިން ވެސް އެ މައްސަލަ ދިމާވެފައިވާ ކަމަށާއި، މިހާތަނަށް މިކަން ހައްލުކުރަން މަސައްކަތް ނުކޮށް އޮތް ނަމަވެސް މިހާރު މައްސަލައަށް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލޭން ނުކުރެވި އޮތުމުގެ ސަބަބަމުން މި މައްސަލަ މި ދިމާވަނީ. މިހާތަނަށް ހައްލެއް ލިބިފައި ނެތް ނަމަވެސް ހައްލު ގެނައުމަށް މަސައްކަތްތައް ކުރިއަށްދޭ. އިންޖީނުގެއެއް ވީމާ ކޮންމެސްވަރަކަށް އަޑުވެސް ހުންނާނެ. ނަމަވެސް މިހާރު ވާ ދަތިިތައް ކުޑަކުރުމަށް މިދަނީ މަސައްކަތް ކުރަމުން،" މުޣުނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޖީނުގޭގެ ދުން ހޮޅިތައް އުސްކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށައި، އެ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލަން އަމާޒު ހިފާފައިވާ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ އިންޖީނުތަކުން ބޭރުވާ، ދުމާއި ވަހުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އުދަގޫތަކާ ކުރިމަތިވާތީ މިމައްސަލަ މަޖިލީހަށް ހުށަހަޅައި މިމައްސަލައިގެ ރިޕޯޓް އޮކްޓޯބަރު މަހު ފާސްކުރި އެވެ. އަދި މަޖިލީހުގެ ސްޓޭޓް އޯން އެންޓްޕްރައިސްއާއި އެންވަޔަރަންމަންޓް ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީއަކުން ބެލުމަށްފަހު އެކުލަވާލި ރިޕޯޓްގައި ހަތް ކަމެއް ކުރަން ސްޓެލްކޯއަށް އަންގަން ހުށަހަޅާފައިވެ އެވެ.

މިގޮތުން ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުމާއި، ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުން ހިމެނެ އެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމަން ވެސް ވަނީ އެދިފަ އެވެ.