ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ޓޫރިސްޓުން އަންނަ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވެ، މިހާރު އެވްރެޖްކޮށް ދުވާލަކު 620 ޓޫރިސްޓުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާއްމުކުރާ ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15ގައި ބޯޑަރު ހުޅުވި ފަހު އެ މަހު ރާއްޖެ އައީ ދުވާލަކު 117 ޓޫރިސްޓުންނެވެ. އަދި އެ އަދަދު އޮގަސްޓް މަހު 246 އަށް އިތުރުވި އެވެ. ސެޕްޓެމްބަރު އެ އަދަދު 318 އަށް އިތުރުވި ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވި ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 37,468 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން އެކަނި 7,507 ޓޫރިސްޓުން މިހާތަނަށް އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޔޫއޭއީންނެވެ. އެ ގައުމުން 3,479 ޓޫރިސްޓުން އައިއިރު ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އެމެރިކާއިންނެވެ. އެ ގައުމުން 3,056 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ ޓޫރިސްޓުން އުފުލާފައި ވަނީ ރަޝިއާގެ އެއިރޯފްލޮޓުންނެވެ. އެ އެއާލައިނުން 4,639 ޓޫރިސްޓުން އުފުލާފައިވެ އެވެ.