ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގއ. ދެއްވަދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ އަތޮޅު ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ސެލްފް ސާވިސް އޭޓީއެމް ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މިހާރު ވެސް ގއ. އަތޮޅު ވިލިނގިލީގައި ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިން ޚިދުމަތް ދަނީ ދެމުންނެވެ. މީގެ އިތުރުން ގއ. އަތޮޅުގެ އިތުރު ހަތް ރަށެއްގައި މިވަނީ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފަ އެވެ.

މި ރަށްތަކަކީ ދެއްވަދޫ، ކޮލަމާފުށި، ދާންދޫ، މާމެންދޫ، ނިލަންދޫ، ގެމަނަފުށި، އަދި ކޫއްޑޫ އެވެ.

ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފުޅާކުރުމަށް އެ ބޭންކުން ވަރަށް ބޮޑަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ދެއްވަދޫގައި އޭޓީއެމްގެ ޚިދުމަތް މިއަދު ފެށުމަކީ ލިބޭ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިން ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ،" ޓިމް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާއެކު 20 އަތޮޅުގައި 35 ބްރާންޗް، 75 ސެލްފްސާވިސް ބޭންކިން ސެންޓަރު، 136 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.