ޓުވިޓާގެ ސީއީއޯ އަދި އެމެރިކާގެ ބިލިއަނަރު ޖެކް ޑޯސޭގެ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.

މިމަހުގެ 19 ވަނަ ދުވަހު ޖެކްގެ 45 ވަނަ އުފަން ދުވަސް ފާހަގަކުރީ މާލެ އަތޮޅުގައި އޮންނަ އަގުބޮޑު ރިސޯޓު، ވޯލްޑޯފް އެސްޓޯރިއާގަ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ އެޕްގެ ބާނީގެ އުފަން ދުވަސް ފާހަގަކުރުމުގެ ހަފުލާގައި މަޝްހޫރު ލަވަކިއުންތެރިޔާ ބިޔޯންސޭ ނޯލެސް އާއި އޭނާގެ ފިރިމީހާ ޖޭ ޒީ ވެސް ބައިވެރިވި އެވެ.

އެމެރިކާގެ އެންމެ ނުފޫޒުގަދަ މީހުންގެ ތެރޭގައި ހިމެނޭ ޖެކްގެ އުފަން ދުވަސް ފާހަގަކުރުމަށް އައި "ކްރިސްޓަލް" ޖެޓް ޕާކްކުރީ ސ. ގަމުގެ ވައިގެ ބަނދަރުގަ އެވެ. އަދި ޖެކްގެ އުފަން ދުވަހާއެކު ޗުއްޓީ ހޭދަކުރުމަށްފަހު ރާއްޖެއިން ފުރީ އިއްޔެ އެވެ.

ޓުވިޓާގެ ސީއީއޯ ޖެކް ޑޯސޭ ރާއްޖެ އައި ޕްރައިވެޓް ޖެޓް މިމަހުގެ 18 ވަނަ ދުވަހު ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: ގަން އެއާޕޯޓު

އެ ބޯޓު ދަތުރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ އެމެރިކާގެ ލޮސްއެންޖަލްސްއަށެވެ. އެއީ ގާތްގަނޑަކަށް 17 ގަޑިއިރުގެ ދިގު ދަތުރެކެވެ.

އެ ޕްރައިވެޓް ޖެޓަކީ ދުނިޔޭގެ އެންމެ ލަގްޒަރީ ޕްރައިވެޓް ޖެޓްތަކުގެ ތެރޭގައި ހިމެނޭ އެއް ޖެޓެވެ.

ޖެކް ރާއްޖެ އައިއިރު އެއާޕޯޓުގެ ސެކިއުރިޓީ އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ. އަދި އޭނާ ބޯޓުން ފައިބައިގެން އެއާޕޯޓުގެ އެއްވެސް ތަނެއްގައި މަޑުނުކޮށް ސީދާ ދިޔައީ ރިސޯޓަށެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ ގިނަ ޓޫރިޒަމް މަންޒިލްތައް އަދިވެސް ބަންދުކޮށްފައި އޮތުމުން ނުފޫޒުގަދަ މީހުންނާއި ގިނަ އަދަދެއްގެ ބިލިއަނަރުންނާއި މަޝްހޫރު މީހުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަމުން އެބަގެންދެ އެވެ.