ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލި ފަހުން ނ. މާފަރު އެއާޕޯޓަށް މިހާތަނަށް 74 ޖެޓް ޖެއްސިއިރު، މިމަހު އެކަނި ވެސް 36 ޖެޓް ޖައްސާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.

މާފަރު އެއާޕޯޓް ހިންގާ އައިއޭއެސްގެ ޖެނެރަލް މެނޭޖަރު މުމްތާޒު އަލީ "ހުރިހާ"އަށް ވިދާޅުވީ ބޯޑަރު ހުޅުވިފަހުން އެ އެއާޕޯޓު އެންމެ ބޮޑަށް ބިޒީވީ މިމަހުގެ 20ގެ ފަހުން ކަމަށެވެ.

"މިމަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު ހަތަރު ޖެޓް އެބަ އާދޭ. މިމަހުގެ 25 ވަނަ ދުވަހު ވެސް އަށް ޖެޓް އައި،" އޭނާ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓަށް މިމަހުގެ 25 ވަނަ ދުވަހު ޖެއްސި ޕްރައިވެޓް ޖެޓްތަކެއް. މިމަހު އެކަނި ވެސް 36 ޖެޓް އެ އެއާޕޯޓަށް ޖައްސާފައިވޭ. ފޮޓޯ: ބުގޭ ލައިވް

މިދިޔަ އަހަރުގެ ޑިސެމްބަރު 1ގައި ރަސްމީކޮށް ހުޅުވި އެއާޕޯޓަކީ މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ފިޔަވައި އެންމެ ގިނަ ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓެވެ.

"އަންނަ ނޮވެމްބަރު މަހު ވެސް އޮތީ ވަރަށް ބިޒީކޮށް. މިހާރު ވެސް ވިއްސަކަށް ރިކުއެސްޓް ލިބިފައިވޭ،" މުމްތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް އެ އެއާޕޯޓު ވަރަށް ބިޒީވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިތަން ހުޅުވި ފަހުން އަބަދުވެސް ޖެޓް ޖައްސާ. ކޮވިޑް ތެރޭގައި އަޅުގަނޑުމެން ވެލާގެ ބައެއް ޓޫރިސްޓުން ބޭނުންވުމުން ޖެޓްތަކުގައި ފުރުވާލިން،" މުމްތާޒު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓް އޮންނަ ސަރަހައްދަކީ ރާއްޖޭގެ ނިސްބަތުން ވެސް އެންމެ އަގު ބޮޑު ރިސޯޓުތައް ހިންގާ ސަރަހައްދެވެ. އެ ގޮތުން ވެލާ ޕްރައިވެޓް އައިލެންޑާއި ޝެވަލް ބްލޮންކް ރަންދެލި އަދި ސޮނެވޭ ޖާނީ ފަދަ އަގު ބޮޑު ރިސޯޓުތަކަށް ވަރަށް ގިނަ މުއްސަނދިން ޗުއްޓީ ހޭދަކުރަން ދަތުރުކުރެ އެވެ.

މާފަރު އެއާޕޯޓަށް ޖެއްސި ޕްރައިވެޓް ޖެޓްތަކެއް. އެތަނަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން. ފޮޓޯ: ބުގޭ ލައިވް

ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވާލިފަހުން ޖުލައިމަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ 11 ޕްރައިވެޓު ޖެޓެވެ. އަދި އޮގަސްޓުމަހު 14 ޕްރައިވެޓު ޖެޓު ޖެއްސިއިރު، މިދިޔަ މަހު 13 ޕްރައިވެޓު ޖެޓް ޖައްސާފައިވެ އެވެ. އަދި މިމަހުގެ

މާފަރު އެއާޕޯޓު ހަދާފައި ވަނީ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައް ވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި އެންމެ ބޮޑު ރަންވޭއެއް ވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގަ އެވެ.